ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނަމަވެސް އެ ދެ ޕާޓީގެ ގިނަ ބައެއްގެ ތާއީދު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، މާފަންނުގައި ފެއްޓެވި ޑޯޓުޑޯގެ ތެރެއިން، ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް ތާއީދުކޮށް މީސްމީޑިއާގައި ޖޭޕީގެ ބައެއް ބޭފުޅުން އިއުލާން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ބާކީ ހައެއްކަ ގަޑިއިރުގެ ތެރޭގައި އިތުރު ބޭފުޅުން ވެސް އެމަނިކުފާނަށް އެންޑޯޒް ކުރަމުން އަންނަ މަންޒަރު ފެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ޖޭޕީގެ މެޖޯރިޓީ ކަހަލަ ގޮތަކަށް އެމްޑީޕީއާއެކީ މަސައްކަތްކުރާ ގޮތަށް އޮތީ. އިރާދަކުރެއްވިއްޔާ އެ ވެގެންދާނެ އަޅުގަނޑުމެން ކުރިއަށް މި އޮތް ދެ ވަނަ ބުރުގައި ކާމިޔާބުކުރުމަށްޓަކައި ލިބޭ ވަރަށް ރަނގަޅު ފާލަކަށް،" ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖޭޕީއެކޭ އެއްގޮތަށް ޑިމޮކްރެޓްސްގެ ގިނަ ބަޔަކު މިހާރު އެމްޑީޕީއާ އެކު ނުކުމެ މަސައްކަތް ކުރަން އެބަ ތިބި ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ގާތްގަނޑަކަށް އެންމެންގެ ތާއީދު ވެސް މިހާރު ލިބެމުން އަންނަ ކަމަށެވެ.
ޑިމޮކްރެޓްސްގެ ތާއީދު ރަސްމީ ގޮތެއްގައި ނުލިބުމަކީ ގޮންޖެހުމެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ ޑިމޮކްރެޓްސްގެ ތާއީދު ލިބުނު ނަމަ، އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރަން ވަރަށް ފަސޭހަ ވެގެން ދިޔައީސް ކަމަށެވެ.
ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހައިތަނަށް މިކުރެވުނު މަސައްކަތުން، ޑިމޮކްރެޓްސްގެ ބޮޑު ބައެއް އަޅުގަނޑުމެންނާ އެކީ މަސައްކަތްކުރަން މިހާރު ނުކުމެ ވެސް އެބަތިބި،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ވަކިވެވަޑައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ވަނީ 15،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބުން ރައީސަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެކަމަކު، އެއްވެސް ބޭފުޅަކަށް %50 އަށް ވުރެ ގިނަ އިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ.