ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖެއްސި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެއެވެ.
ޢަލީ ވަހީދު ވަނީ ނިމިދިޔަ ރިޔާސީ އިންތިޚަބުގައި ޤާސިމުގެ ކެމްޕޭންގައި އިސްދައުރެއް އަދާ ކުރައްވާފައެވެ. ޖޭޕީން ވަކިވިކަން ހާމަކޮށް އަލީ ވަހީދު ވިދާޅުވީ ޤާސިމާއިއެކު މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޤާސިމް އިބްރާހިމްގެ އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެކެވެ. މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީއިން އަޅުގަނޑު ވަކިވެއްޖައީމެވެ. ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނަމެވެ.
– އަލީ ވަހީދު ވިދާޅުވިއެވެ.
ޢަލީ ވަހީދު ގުޅޭނީ ކޮން ޕާޓީއަކާއި ކަމެއް އޭނާ ހާމަކޮށްފައި ނުވެއެވެ. އަލީ ވަހީދު މީގެކުރިން ހުންނެވީ ޖޭޕީގެ ރައީސް ކަމުގެ މަގާމުގައެވެ. އެކަމަކު، އެ ޕާޓީގެ ގަވައިދަށް ގެނައި އިސްލާހެއްގެ ދަށުން ޖޭޕީގެ ރައީސްކަމުގެ މަގާމު އުވާލުމުން އެ މަގާމު ގެއްލުނީއެވެ.
އަލީ ވަހީދުގެ މައްޗަށް ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ގޮތުގައި ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނިކޮށް މީގެ ދެ އަހަރަށް ވުރެ ގިނަ ދުވަސް ކުރިން އޭނާ ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެންފައެވެ.
އެކަމަކު، މިދިޔަ ޖޫން މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ކުށުގެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމައިފައެވެ. ޕީޖީން ކުރިން ބުނެފައި ވަނީ އަލީ ވަހީދުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމީ މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހްގީގަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވުމާ ގުޅިގެން ކަމަށެވެ.
ރާއްޖެ ވަޑައިގެންނެވި ދުވަހު އަލީ ވަހީދު ވަނީ އޭނާ އަށް ކުރި ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.