ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭތަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީން ވަނީ ދެވަނަ ބުރުގައި ކުރިއަށްދާނެގޮ ތަކާއި ގުޅޭގޮތުން ޤާސިމްގެ ރިސޯޓް ސަން އައިލެންޓުގައި ޕީޕީއެމް/ޕީއެންސީއާއި، އެމްޑީޕީގެ ލީޑަރޝިޕާއި މަޝްވަރާ ކުރިއަށް ގެންގޮސްފައެވެ. ޕީޕީއެމް/ޕީއެންސީއާއިއެކު 5 ގަޑިއިރުގެ މަޝްވަރާއެއް ކޮށްފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަޑައިގެން ވަނީ 3 ދުވަހުގެ މަޝްވަރާތަކެއް ޤާސިމާއި ކުރައްވާފައެވެ.
ޖޭޕީން މިގޮތަށް ނިންމީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ކައުންސިލުން ނިންމި ނިންމުން ހާމަ ކުރައްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފައިވާކަމަށެވެ.
ޤާސިމަކީ ފުރަތަމަ ބުރުގައި ރާއްޖޭގެ މިނިވަން ކަމާއި ގުޅޭގޮތުންނާއި، ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބިކަމަށާއި، އަޑިނޭގޭ އެއްބަސްވުންތަކެއް މިސަރުކާރުން ހަދާފައިވާތީ އެކަމަށް އެންމެ ބޮޑަށް ވަކާލާތުކޮށް މިސަރުކާރަށް ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވެ ވާހަކަ ދެއްކެވި ބޭފުޅެކެވެ. އަދި ރައީސް ޔާމީނާއި ކުރީގެ ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުވިފދާޅުވި ބޭފުޅެކެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ގާސިމަށް ލިބުނީ 5،460 ވޯޓެވެ. އެއީ ގިނަ ބަޔަކު ލަފާކުރި ނަތީޖާއަށްވުރެ މާދަށް ނަތީޖާއެކެވެ. ނަމަވެސް ޤާސިމްގެ ދައުރަކީ އަދިވެސް ދެވަނަ ބުރެއްގައި މުހިންމު ދައުރަކަށް ވާނެކަމަށް ގަބޫލު ކުރެވެއެވެ.
ކޮމެންޓު ފޮނުވާ