ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާޢީދު ކުރާނެ ކެންޑިޑޭޓަކާއި ގުޅޭގޮތުން މިއަދު އެޕާޓިން ގޮތެއް ނިންމާނެކަމަށް ބުނެފިއެވެ.
ޖޭޕީން ބުނީ ދެވަނަ ބުރުގައި އެޕާޓިން ތާޢީދުކުރާނެ ނުވަތަ އެކުގައި މަސައްކަތްކުރާނެ ކެންޑިޑޭޓެކް ކަނޑައެޅުމަށްޓަކައި ބާއްވާ ކައުންސިލް ބައްދަލުވުން 13:00ގައި ކުނޫޒްގައި ކުރިއަށްދާނެކަމަށެވެ. އެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ގޮތެއް ނިންމާނެކަމަށް ޖޭޕީން ބުންޏެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތްކުރުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީން ވެސް ވަނީ ޖޭޕީއަށް ހުށައަޅާފައެވެ. ނަމަވެސް ޖޭޕީން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އެގޮތުން ޤާސިމްގެ ރިސޯޓް، ސަން އައިލެންޑަށް ދެ ޕާޓީގެ ފަރާތުންވެސް މަޝްވަރާތައް ވަޑައިގަތެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޝްވަރާތަކަށް ޤާސިމާ ބައްދލަުކުރައްވަން ވަޑައިގެންނެވި ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ 4ވަރަކަށް ގަޑިއިރަށެވެ.
ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ޤާސިމާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުން ދެދުވަހަށް ދެމިގެން ދިޔައެވެ. ނަމަވެސް އެއްބަސްވުމަކަށް އަދިވެސް އާދެވިފައެއް ނުވެއެވެ.
ޤާސިމާއި ރައީސް ޞާލިހާއިއެކު ބާއްވާ މިބައްދަލުވުމުގައި ޖޭޕީގެ ފަރާތުން މިކަމުގެ ފަންނީ ބޭފުޅުން ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެއެވެ. އެގޮތުން ޤާސިމްގެ ރަނިންމޭޓް އަމީން އިބްރާހިމްއާއި، ޚާރިޖީ ދާއިރާގެ އިލްމީ ބޭފުޅެއްކަމަށްވާ އިރުތިޝާމް އާދަމާއި ގާނޫނީވަކީލެއްކަމުގައިވާ ކެންދޫ ދާއިރާގެ މެންބަރ އަލީ ހުސައިން ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެފައިވާކަމަށް މައުލޫމާތު ލިބިއެވެ.
އިންތިިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހު އޮންނައިރު، ރައީސް ޞާލިހުގެ ކެމްޕޭންގެ މާބޮޑު ހަރަކާތްތަކެއް އަދި ނުފެނެއެވެ. މިހާތަނަށް ބޭއްވުނީ އެންމެ ޖަލްސާއެކެވެ. އޭގެ ފަހުން ރައީސް ކެނޑިނޭޅި ކުރަމުންދާ މަސައްކަތަކީ ކޯލިޝަން ހެދުމުގެ މަޝްވަރާތަކެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އޮތްގޮތުން ރައީސް ޞާލިހަށް ދެވަނަ ބުރުގައި ވާދައެއް ކުރެވެން އޮތީވެސް ޤާސިމާއި، ރައީސް ނަޝީދުގެ ތާއީދު ލިބިގެން ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރަތްތަކުން ދެކެއެވެ.
ކޮމެންޓު ފޮނުވާ