ރިޔާސީ އިންތިޚާބުގެ ކުރިން މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަކީ ޑިމޮކްރެޓްސްގެ ހުށަހެޅުން ކަމުގައި އެޕާޓީން ބުނެފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއި، ޕީޕީއެމް/ޕީއެންސީއަށްވެސް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވަނީ ނިޒާމީ ވޯޓު ނެގުމުގެ ހުށަހެޅުމެވެ. ޑިމޮމްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ އެޕާޓީން ބޭނުންވަނީ އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓު ނެގުން ކަމަށް ވިދާޅުވެފައެވެ.
އިލްޔާސް މިހެން ވިދާޅުވެފައިވަނިކޮށް، މިއަދު ހެނދުނު އިލްޔާސްގެ ރަނިން މޭޓް ހުސެއިން އަމްރު ކުރި ޓުވީޓުގައި ވިދާޅުވީ ޑިމޮކްރެޓްސް އިން މަޝްވަރާކުރަނީ އެކަމާ މެދު ކަމަށެވެ. އަދި ހުޑށަހެޅުމަކީ މިމަހުގެ 25ގައި ނިޒާމީ ވޯޓު ނެގުން ކަމަށެވެ.
މި މަހު 25 ގަ ރައްޔިތުންނަށް ނިޒާމާ ގުޅޭ ގޮތުން ބަސްބުނަން ފުރުސަތު ދިނުން. އަދި އޭގެ ފަހުން 30 ވަނަ ދުވަހު 2 ވަނަ ބުރުގެ ވޯޓު ލުން. ނިޒާމަށް ބަދަލު ގެންނަން ފެނިއްޖެ ނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސް އަކީ ބަރުލަމާނީ ނިޒާމެއްގެ ރައީސުލް ޖުމްހޫރިއްޔާ.
– އަމްރު ވިދާޅުވިއެވެ.
އަމްރުގެ ޓްވީޓްގައި ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރެވޭނީ އެގޮތަށް މަސައްކަތް ކުރެވޭ ނިޒާމެއް އޮވެގެން ކަމަށެވެ. އެ ކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގޭ ނިޒާމަކުން ކަމަށާއި އެކަން މިދިޔަ ތިން ދައުރުން ވެސް ސާފުވާ ކަމަށް އަމްރު ވިދާޅުވިއެވެ.
ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކާ ކުރެވޭނީ އެކަން އޮގޮތަށް ކުރެވޭނެ ނިޒާމެއް އޮވެގެން. އެގޮތަކީ ރައްޔިތުންނާ ގާތުން ހިންގޭ ވެރިކަމެއް. އެ ނިޒާމަކީ މަޖިލިހުގެ ތެރެއިން ހިންގޭ ސަރުކާރެއް. ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެން ކަން މިދިޔަ 3 ދައުރުން ސާފުވޭ. ރައްޔިތުންނާ ހަމަޔަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިޚާބެއްގެ ފުރަތަމަ ބުރާ 2 ވަނަ ބުރާ ދޭތެރޭ. އަޅުގަޑުމެންގެ ހުށައެޅުމަކީ މީ.
– އަމްރު ވިދާޅުވިއެވެ.
ކޯލިޝަން މަޝްވަރާއާ ގުޅޭ ގޮތުން ޑިމޮކްރެޓްސް އިން އެންމެ ފަހުން ބޭއްވި އިންޓްރިމް ކައުންސިލްގައި ވާހަކަ ދެއްކެވި ގިނަ މެންބަރުންގެ ވިސްނުމަކީ ވެސް އެމްޑީޕީ ނުވަތަ ޕީޕީއެމްއާ މަޝްވަރާ ކުރާއިރު ސަރުކާރުގެ މަގާމްތަކާއި ސަރުކާރުން ވަކި ޕޯޝަނެއް ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ތަންފީޒުކުރާނެ ބަޔަކާއެކީ ކުރިޔަށް ދިޔުމެވެ.
އެ ޕާޓީ ގަބޫލުކުރާ އެންމެ މުހިންމު އެއް ސިޔާސަތެއް ކަމަށް މެންބަރުން ބުނަމުން އައީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމެވެ.