ހަސަން ކުރުސީގެ ނަމުގައި ޓްވިޓާގައި ހިންގާ އެކައުންޓް މިއަދު ސަސްޕެންޑު ކުރުމަށްފަހު އަނެއްކާވެސް އެކައުންޓް ރީޓްރީވްކޮށްފިއެވެ.
2021 ވަނަ އަހަރު އުފައްދާފައިވާ މިއެކައުންޓުން ގިނަ އަދަދެއްގެ ޕޯސްޓުތައް ސަރުކާރާއި ދެކޮޅަށް ކުރަމުންދެއެވެ. މިއަދު ހެނދުނުން ފެށިގެން އެ އެކައުންޓުން ކޮށްފައިވާ އެއްވެސް ޕޯސްޓެއް ނުފެނެއެވެ. އެ އެކައުންޓުން ކުރިން ކޮށްފައިވާ ޕޯސްޓުތައް ބަލާލަން އުޅުމުން އަރަނީ "މި ޓްވީޓް ކޮށްފައި ވަނީ ސަސްޕެންޑް ކޮށްފައިވާ އެކައުންޓަކުން" ކަމަށެވެ.
އެހެންނަމަވެސް މިހާރު މި އެކައުންޓު ވަނީ އެކްޓިވްވެފައެވެ. އަދި އެ އެކައުންޓުން ކުރާ ޕޯސްޓުތައްވެސް މިހާރު ބަލާލެވެއެވެ. ކުރުސީގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރިއިރު، އެ އެކައުންޓްގެ އަސްލު ހޯދަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. އެ އަމުރު ކޯޓުން ނެރެފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ ކައުންޓަކީ ނަޝީދު އެކައުންޓެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް ނަޝީދު ވަނީ އެއީ އެމަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަދި ނަޝީދު ވަނީ ހަސަން ކުރުސީގެ އަސްލު ހޯއްދަވައި ދެއްވުން އެދި ފުލުހުންނަށް ހުށަހަޅުވާފައެވެ. ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން، ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާކަން ފާހަގަކުރެވެއެވެ.
އަދި ރައީސް ނަޝީދުގެ ޝަހުސިއްޔަތާއި ސިޔާސަތުތަކަށް ތާއީދުކޮށް ގިނަ ޓުވީޓްތަކެއް ކުރި އެ އެކައުންޓުން ވަނީ އެމަނިކުފާނުގެ ދިފާއުގައި ވެސް ގިނަ ވާހަކަތަކެއް ފަތުރައިފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އެ އެކައުންޓު މެދުވެރިކޮށް އައީ ރައީސް ނަޝީދުގެ ތާއީދާ އެކު އުފެއްދެވި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ތާއީދު ހޯދަން ވެސް މަސައްކަތްކުރަމުންނެވެ.
އަދި ހަމައެއާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭ ޑީއެންއާރުގެ ޑޭޓާތަކެއް ސަރުކާރުން ވަގަށް ނަގާފައި ކަމަށް ތުހުމަތުކޮށްފައިވާ ސްކްރީންޝޮޓުތަކެއް ދާދި ފަހުން ވަނީ އެ އެކައުންޓުން ހާމަކޮށްފައެވެ. ކުރުސީގެ އެކައުންޓު ހިންގަވަނީ ރައީސް ނަޝީދު ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، އެކަން އެމަނިކުފާނު ވަނީ ދޮގުކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ