ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާ ޑރ.މުއިއްޒު ހޮއްވަވައި ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީނަށް ޑރ.މުއިއްޒުގެ ތާއީދު ނެތްކަމަށް ބުނެ ޢަދަދު ނޫހުގައި ލިޔެފައި ދޮގު ޚަބަރާއި ގުޅިގެން ރައީސް ޔާމީން އެމަނިކުފާނުގެ ޤާނޫނީ ޓީމު މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޮނުވި މެސެޖުގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ޢަމާޒުކޮށް ރައީސް ޔާމީން ނުރުހުމުގެ ބަސްފުޅުތަކެއް ޢަމާޒުކުރައްވާފައިވާކަމަށާއި، އެމަނިކު ފާނުގެ ތާއީދު ޑރ.މުއިއްޒުއަށް ނެތްކަމަށް ވިދާޅުވެފައިވާ ކަމަށް ދޭހަވާ ގޮތަށް ލިޔެފައިވާ ލިޔުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް "ޢަދަދު" ނޫހުގައި ލިޔެފައިވާ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
އެ ނޫހުގެ ޚަބަރުގައި ލިޔެފައިވާފަދަ އެއްވެސް ވާހަކައެއް، އަދި ރައީސް ޔާމީންގެ ނޯޓެއް ކަމަށް ބަޔާންކޮށް މީސްމީޑިއާގައި ދައުރު ކުރަމުންދާ ނޯޓުގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ވާހަކައެއް، ހައިކޯޓު ތެރޭގައި ރައީސް ޔާމީން ވިދާޅުވެފައި ނުވާކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި މިރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަދި ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީގެ އެންމެހާ މެމްބަރުންނާއި، ރައީސް ޔާމީނަށް ތާއީދު ކުރައްވާ އެންމެހާ ސަޕޯޓަރުންނަށްވެސް ވޯޓު ލެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޑރ.މުހައްމަދު މުއިއްޒުއަށް ކަމަށާއި، މިއިންތިޚާބުގައި މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮއްވެވުމަށް އެމަނިކުފާނު ނުހަނު ބޮޑަށް ބޭނުންފުޅުވާކަމަށް ވަކީލުން މެދުވެރިކޮށް ރައީސް ޔާމީން ފޮނުވި ނޯޓުގައި ވިދާޅުވިއެވެ.
ހުރިހާ ރައްޔިތުން ވަކިން ޚާއްސަކޮށް ޕީޕީއެެމް/ޕީއެންސީގެ މެމްބަރުން އިތުރަށް މަސައްކަތްކޮށް މިއިންތިޚާބު ޑރ.މުއިއްޒުއަށް ކާމިޔާބު ކޮށްދެއްވުމަށް އެދެން. މިއިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ހުރިހާ ބޭފުޅުންވެސް ކުރެން އޮތް ކަމެއް ކޮށްދެއްވުމަށް ދަންނަވަން.
– ރައީސް ޔާމީން ފޮނުވި މެސެޖުގައި ވިދާޅުވިއެވެ.
އަދި ރައީސް ޔާމީނަށް ނަފްރަތު ކުރާ އަދި އެމަނިކުފާނަށް ނުހައްގުން އަނިޔާ ދެމުން ގެންދާ ފަރާތްތަކުން ރާވައިގެން ފަތުރާ މިފަދަ ބުހުތާނނު ދޮގު ވާހަތަކަކީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި ރައީސް ޔާމީނަށް ތާއީދު ކުރާ ޢާންމު މެމްބަރުންގެ މެދުގައި ފިތުނަ އުފައްދައި ބައިބައިކޮށް، ރިޔާސީ އިންތިޚާބު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބު ވިޔަ ނުދިނުމަށްޓަކައި ކުރާ ވަރަށް ފިޑި ޢަމަލުތަކެއް ކަަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަމަށެވެ.
އަދި މިފަދަ ވާހަތައް ގަބޫލު ނުކޮށް ހުރިހާ ފަރާތްތަކުންވެސް އިތުރު ހިތްވަރެއްލައި ރިޔާސީ އިންތިޚާބު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ކާމިޔާބު ކޮށް ދިނުމަށް ވީއެންމެ ބޮޑަކަށް މަސައްކަތް ކޮށް ދެއްވުމަށް ރައީސް ޔަމީން ވަނީ އެންމެހާ ރައްޔިތުންގެ ކިބައި އެދިވަޑައިގެންފައެވެ.