ސަލަފްގެ ރައްދު މާރިޔާއަށް: ޢިލްމުވެރިންނާއި ދިމާކޮށްގެން އެމްޑީއެންއާއި، ސަރުކާރާ އޮތް ގުޅުން ފަސްއަޅާ ނުފޮރުވޭނެ!

ސަލަފްގެ ރައްދު މާރިޔާއަށް: ޢިލްމުވެރިންނާއި ދިމާކޮށްގެން އެމްޑީއެންއާއި، ސަރުކާރާ އޮތް ގުޅުން ފަސްއަޅާ ނުފޮރުވޭނެ!

Author
މުޙައްމަދު ޝަޒައިމް
31 އޮގަސްޓް 2023 09:03
0

ޖަމްޢިއްޔަތުއް ސަލަފަކީ ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިންތިޚާބީ ތަރުޖަމާން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ދައްކަވާ ވާހަކަފުޅަކުން، ސަރުކާރާއި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން)ގެ މެދުގައި އޮތް ގުޅުން ފަސައަޅައި ނުފޮރުވޭނެކަމަށް ޖަމްޢިއްޔަތުއް ސަލަފުން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ތަރުޖަމާން މާރިޔާ ދީދީ ގެންދަވަނީ ޕްރޮގްރެސްސި ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަކީ ޖަމްޢިއްޔަތުއް ސަލަފުގެ ކެންޑިޑޭޓެއްކަމަށް ސިފަކުރައްވައި، އެ ޖަމްއިއްޔާއަކީ ހަރުކަށި ހައްދުފަހަނައެޅި ޖަމާއަތެއްކަމަށް ދޭހަވާ ގޮތަށް ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވާހަކަދައްކަވަމުންނެވެ.

މިކަމާއި ގުޅިގެން ދީނީ ގިނަ އިލްމުވެރިން ހިމެނޭ ސަލަފް ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖަމްޢިއްޔަތުއްސަލަފަކީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް ނަގަހައްޓައި، ދީނީކަންކަމަށް ކުރިމަތިކުރެވޭ ހުރަސްތަކާ ދެކޮޅަށް ޙަރަކާތްތެރި ވުމުގެ މަތިވެރި މަޤްޞަދުގައި މުޖުމަޢުގެ އެކިދާއިރާތަކުގައި ޙަރަކާތްތެރިވަމުންދާ މަދަނީ ޖަމްޢިއްޔާއެއް ކަމަށެވެ.

ދީނީގޮތުން ޙައްދުފަހަނައަޅައިގޮސް ޝަރުޢީ އުޞޫލުތަކުން ބޭރުން މުސްލިމުން ދީނުން ބޭރުކޮށް ކާފިރުކުރުމާއި، ބިދުޢަވެރި ކުރުމުގެ ނުބައި ހަރުކަށި ފިކުރުތަކުން މުޖުތަމަޢު ސަލާމަތްކޮށް އިސްލާމީ އުޞޫލުތަކުގެ މައްޗަށް ޤާއިމުވެފައިވާ ޞުލްޙަވެރި އަމާންވެއްޓެއް ޤާއިމުކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ކުރަމުންދާ މިންނަތް މަސައްކަތަކީ ދިވެހިރައްޔިތުންނަށް އޮޅިފައިވާނެކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ. ކަން މިހެން އޮތްއިރު ޖަމްޢިއްޔަތުއްސަލަފާއި ސަލަފުގެ ޢިލްމުވެރިންނަށް ޙައްދު ފަހަނައެޅުމާއި ހަރުކަށިފިކުރުގެ ތުހުމަތުކޮށް އެކި މަޤާމްތަކުގައި ތަކުރާރުކޮށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާއަޙްމަދުދީ ދައްކަވަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ބުހުތާނު ވާހަކަތަކެއް ކަމަށް ސަލަފުން ވަނީ ބުނެފައެވެ.

އަދި އަމުދުން ހަރުކަށި ކަމާއި، ޙައްދު ފަހައެޅުމަކީ ދީނީ ގޮތުން މިނެކިރަން ޖެހޭކަމަށް ވުމުގެ އިތުރުން؛ އެކަމަކީ ދިވެހިރާއްޖޭގެ ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ޤައުމީ މިންގަނޑެއް ފެންނަން އޮތް ކަމަކަށް ވީހިނދު، ޝަރުޢީ މިންގަނޑަށް ބެލުމެއްނެތި، އަމުދުން ދައުލަތުން ޢަމަލުކުރުމަށް އެކަށައަޅުއްވާފައިވާ ޤައުމީ މިންގަޑުންވެސް ބޭރުން ހިތުހުރިހައި ފަރާތްތަކަށް ހަރުކަށި ފިކުރާއި ޙައްދުފަހަނައެޅުން ނިސްބަތްކުރަމުންދާ ދިއުމަކީ ވަރަށް ދަށުދަޖައިގެ ޒިންމާދާރުކަމެއް ނެތް ނާތަހުޒީބީ ޢަމަލެއްކަމުގައި ޖަމްޢިއްޔަތުއް ސަލަފުން ވަނީ ބުނެފައެވެ.

ވަކިން ޚާއްޞަކޮށް ހަރުކަށި ފިކުރާއި ޙައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމްގެ ބަލަދުވެރިފަރާތުގެ ގޮތުގައި ހުންނަވައި، އެކަން ޙައްލުކުރެއްވުމަށް އެކަށީގެންވާ މަސައްކަތެއް ކުރެއްވުމެއްނެތި؛ މިފަދަ ކަންކަން ކުރެއްވުމުން ދޭހަކޮށްދެނީ ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން މަތިކުރެވިފައިވާ މަސްއޫލިއްޔަތުތައް، ޒިންމާދާރުކަމާއެކު އަދާކުރުމުގައި ތިމާމެންގެ ނާޤާބިލުކަން ނޫން އެހެން ކޮންކަމެއް ހެއްޔެވެ؟

– ސަލަފުން ވަނީ ބުނެފައެވެ.

އެއްވެސް ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނުވަތަ ބަލައިގަނެވޭ ބުއްދީގެ އުސޫލެއް ހަމައެއްނެތި ޖަމްޢިއްޔަތުއްސަލަފާއި، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ޙައްދުފަހަނައެޅުމާއި ހަރުކަށިފިކުރުތަކާ ގުޅުވަން، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތަރުޖަމާނުގެ ހައިސިއްޔަތުން ދައްކަވަމުން ގެންދަވާ ވާހަތަކަކީ ފަހަރެއްގައިވެސް އެމަނިކުފާނުގެ ވެރިކަމުގައި ލާދީނީގޮތުން ޙައްދުފަހަނައަޅާފައިވާ MDNގެ އިސްފަރާތްތައް ސަރުކާރުގެ މަތިފަޑިއަށް ލައްވައިގެން އުޅުއްވުމާއި، ޙައްދު ފަހަނައަޅާފައިވާ MDN ގެ ފިކުރާ ސަރުކާރާއޮތް ނަސްލާއި ނަސަބާއި ޞިހްރާއި އެއްކިރުވުމުގެ ވަރުގަދަ ގުޅުމަށް ފަސްއަޅައި ފޮރުވޭނެކަމެއްކަމުގައި ޖަމްޢިއްޔަތުއްސަލަފުން ނުދެކޭކަމަށްވެސް މިބަޔާނުގައި ވެނީ ބުނެފައެވެ.

އެމްޑީއެންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ފުލުހުން ވެސް ވަނީ މީގެ ކުރިން އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެފައެވެ. އެމައްސަލައިގައި އޭރު ގިނަ ދީނީ އިލްމުވެރިންނާއި މަޖިލީހުގެ މެމްބަރުން ވަނީ އެމްޑީއެން އުވާލަން ގޮވާލާފައެވެ.

އެހެންކަމުން ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، ދިވެހި ރައްޔިތުންގެ ދީނާއި، ޖާނާއި، ނަސްލާއި، މުދަލާއި، ބުއްދިއާއި އަބުރު ޙިމާޔަތްކުރުމުގެ މަތިވެރި ޒިންމާ އަދާކުރުމުގައި ޖާނާއި މާލުން ޤުރުބާންވުމަށް މާތް ރަސްކަލާނެ ގަންދީ ހުވާ ކުރައްވައިގެންތިއްބެވި މިޥަޠަނުގެ އެންމެ ޝަރަފުވެރި މަޤާމްކަމުގައި ފަޚުރުވެރި ދިވެހި ސިފައިން ސެލިޔުޓްކޮށް ކުރުނީސްކުރައްވާ ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުގައިވާ ހުންނަވައިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމާއި ޤަދަރު ލިބިފައިވާ ޢިލްމުވެރިންނާއި އެހެނިހެން ފަރާތްތަކާ ޒާތީގޮތުން ބެހި، އެމީހުންނާމެދު ނަފްރަތު އުފެއްދުމަށް ތިޔަކުރައްވަމުން ގެންދަވާ ހަޑިމުޑުދާރު މަސައްކަތް މިހާރުން މިހާރަށް ހުއްޓަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް ވަރަށް އަދަބު އިޙްތިރާމާއެކު ޖަމްޢިއްޔަތުއްސަލަފުން ވަނީ ނަސޭހަތް ތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިމީހާ
ތިޔައީވެސް ހަމަޝަހިންދާ ގުރޫޕް ގެލާދީނީ ހިޔަޅެއް!