ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ނެތް ބަހުސެއްގައި ދައުލަތުގެ މީޑިއާއަށް ޕާޓްނަރ ނުވެވޭނެ: ނާދިރާ

ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ނެތް ބަހުސެއްގައި ދައުލަތުގެ މީޑިއާއަށް ޕާޓްނަރ ނުވެވޭނެ: ނާދިރާ

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2023 09:13
0

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނެތް ބަހުސްއެއްގައި ދައުލަތުގެ މީޑިއާއަށް ޕާޓްނަރ ނުވެވޭނެ ކަމަށް އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާއަކީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މިއިންތިޚާބުގައި ވާދަކުރައްވާ ފާރިސް މައުމޫނަށް ތާއީދު ކުރައްވާ ފާރިސްގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. ނާދިރާއަކީ މިވެރިކަން ގެނައުމުގައި އޭރު ކުރި މުޒާހަރާތަކާއި އަޑުއުފުލުން ތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ. ނަމަވެސް މިސަރުކާރުން ވެރިކަމަށް އައިފަހުން ނާދިރާފަދަ މިސަރުކާރު ގެންނަން މަސައްކަތް ކުރި އެތައް ބަޔަކު ވަނީ އެކަހެރި ކޮށްފައެވެ.

ރިޔާސީ ބަހުސް ބާއްވަން ދެ ދުވަހަށް ވެފައި ވަނިކޮށް ކުއްލިއަކަށް ބަހުސް ކެންސަލް ކުރިކަން ދައުލަތުގެ މީޑިއާއިން އެންގީ މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޖަލްސާއެއް ހުކުރު ދުވަހުގެރޭ އޮންނާނެ ކަމަށާއި، ބަހުސް ފަސްކުރަން އެދިފައިވާނެކަމަށް ރައީސް ޞާލިހުގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެފައި ވަނިކޮށެވެ.

ނާދިރާ ވިދާޅުވީ ބަހުސް ކުއްލިއަކަށް ކެންސަލްކޮށް ރާއްޖޭގެ ޕްރައިވެޓް މީޑިއާއަކުން ވަކި ކެންޑިޑޭޓުންތަކަކަށް ދައުވަތު ދީގެން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހަމަހަމަކަން ގެއްލޭ ގޮތަށް ބާއްވާ ބަހުސެއްގައި ދައުލަތުގެ މީޑިއާއަށް ޕާޓްނާ ނުވެވޭނެކަމަށެވެ. ދައުލަތުގެ މީޑިއާއަކީ ހުރިހާ ފަރާތްތަކަކަށް ހަމަހަމަ ފުރުސަތު ދީގެން ކަންކަން ކުރަން ޖެހޭ ބަޔަކަށްވާއިރު ވަކި ގޮތަކަށް ބަހުސް ކުރިއަށް ގެންދިއުމަށް ދައުލަތުގެ މީޑިއާގެ ދައުރެއް އޮވެގެންވާނެ ކަމަށް ނުދެކޭކަމަށް ނާދިރާ ވިދާޅުވިއެވެ..

ސަންގު ޓީވީ ބަހުސަކީ އަކީ ސެލެކްޓިވް ފުރުސަތު ދީފައިވާ ބަހުސެއް. ރައްޔިތުންނަށް އެންމެ ފަހި ފުރުސަތު އަދި ހަމަހަމަ ކަން އޮތީ ކެންޑިޑޭޓް ނަންބަރު 6 ގެ މެނިފެސްޓޯގަ. ދައުލަތުގެ މީޑިއަށް ޕާޓްނާ ނުނެވެވޭނެ ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ފުރުސަތު ނެތް ބަހުސެއްގަ.

– ނާދިރާ ވިދާޅުވިއެވެ.

ޕީ.އެސް.އެމްއިން ނެރުނު ބަޔާނެއްގައި ބުނީ، އިންތިޚާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭގޮތަށް މި ބަހުސް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް، ކެނޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ މި ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތްކަމަށެވެ. އަދި އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވުމުން ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ދެކޭކަމަށެވެ.

އެހެންކަމުން ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ފެންނާތީ، މިހާރުވެސް ބަހުސެއް ރާވާފައިވާ ފަރާތަކާގުޅިގެން ބަހުސް ކުރިއަށްގެންދިއުމަށް ގަސްތުކުރާކަމަށް ޕީ.އެސް.އެމްގެ ބަޔާނުގައިވެއެވެ. އެގޮތުން ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީ.އެސް.އެމްއިން ޕާޓްނަރވެގެން ކުރިއަށްގެންދިއުމުގެ އިންތިޒާމްތައް ވަމުންދާކަމަށް ޕީ.އެސް.އެމްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.