ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުރުމުގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރުކޮށްދީފިއެވެ.
ޑޮކްޓަރުންގެ ލަފައާއެކު ބޭރުން ފަރުވާ ހޯއްދަވަން އަދީބު ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ. ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުން އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ފުރަތަމަ ދިނީ 10 ދުވަހަށެވެ. ނަމަވެސް ފަހުން ދިން މުއްދަތު އިއްޔެ ހަމަވުމުން އަނެއްކާ ވެސް އިތުރުކޮށްފައިވެ އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބޭސްފަރުވާ އަށް ދިން މުއްދަތު އަންނަ މަހުގެ 15އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. ފުރާނަ އަށް ނުރައްކާވާ ފަދަ، ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަން އަދީބަށް ޖެހުނީ 2015 އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު ކަމަށް އޭނާގެ ޕާޓީ، އެމްޓީޑީން ބުނެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ދައުލަތާ އެކީގައި އަދީބު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާއިރު، ސިއްހީ ހާލަތު ހުރި ގޮތުން އަދީބު މިހާތަނަށްވެސް ހުންނެވީ ގޭބަންދުގައެވެ.
ކޮމެންޓު ފޮނުވާ