ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާ މާލޭގައި ބާއްވަން މާލޭ ސިޓީ ކައުންސިލުން ހުއްދަ ނުދިން ކަމަށް ރައީސް ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ މާރިޔާ ވިދާޅުވީ މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރައީސް ސޯލިހުގެ ކެމްޕޭނަށް ހުރަސް އަޅުއްވާ ކަމަށެވެ.
މާލޭގައި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާ ބާއްވަން ހުއްދަ ހޯދުމަށް މާލޭ ސިޓީ ކައުންސިލުގައި ދެ ފަހަރު އެދުނު ނަމަވެސް އެ ފުރުސަތު ނުދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެމްޑީޕީން ޖަލްސާއެއް ބޭއްވުމަށްޓަކައި މިހާރު ސިޓީ ކައުންސިލުން އެދެމުން ދަނީ. ފުރަތަމަ ފަހަރު ވެސް އެހެން ކަމެއް އޮތޭ ކިޔައިފަ ނުދެއްވީ. ދެން އަނެއްކާވެސް އެދުނީމަ އެރޭ އެތަން އެހެން ބަޔަކު ހިފާފައޭ ބުނާއިރު އެތާ އެތެރޭގައި އުޅުއްވާ ކައުންސިލަރުން އެބަ ވިދާޅުވޭ އެކަމެއް ނެތޭ.
– މާރިޔާ ވިދާޅުވިއެވެ.
ޖަލްސާ ބާއްވަން ދެވަނަ ފަހަރު އެދުމުން އެރޭ އެތަން ބަޔަކު ހިފާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނި ނަމަވެސް އެއީ ދޮގެއްކަން ބައެއް ކައުންސިލަރުން ޔަގީންކޮށްދޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ ކެމްޕޭނަށް ހުރަސް އަޅުއްވަމުން ގެންދެވި ނަމަވެސް ސަރުކާރުން ވާދަވެރިންނަށް ކެމްޕޭންކުރުމުގެ ފުރުސަތު ދެމުންދާ ކަމަށެވެ.
ސަރުކާރުން ޒިންމާދާރު ކަމާއެކު ޑިމޮކްރެޓިކް އުސޫލުން ކަން ކުރިޔަސް, މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނަންވައިގެން ވެސް މުއިއްޒު އަމަލުކުރައްވަމުން ގެންދަވަނީ ގާނޫނުއަސާސީގައިވާ ގޮތާ ހިލާފަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. މާލޭގެ ބިންތަކާއި މަގުތަކުގައި އިވެންޓުތައް ބޭއްވޭނީ ސިޓީ ކައުންސިލްގެ ހުއްދަ ނަގައިގެންނެވެ.