ދަ ޑިޮމޮކްރެޓްސްގައި އުޅުއްވުމަށްފަހު އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމުގައި އަމިއްލަ މަސްލަހަތަށް ހެދި އެއްވެސް ޑީލެއް ނޯންނާނެކަށް ކުޅުއްދުށްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ރޭ ވިދާޅުވެއްޖެއެވެ.
މެންބަރު ޔާސިރާއި، މޭޔަރު އާތިފްގެ އިތުރުން ކައުންސިލްރުން އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ސޯލްޓް ކެފޭގައި އޮތް ބައްދަލުވުމެއްގައި މިމަހުގެ 15 ވަނަ ދުވަހުއެވެ. ކުޅުދުއްފުށީގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި މިބޭފުޅުން އަލުން އެމްޑީޕީއާއި ގުޅުނީ އަމިއްލަ މަންފާތަކަކަށް ކަމުގައި ޑިމޮކްރެޓްސްގެ އެންމެ އިސް ލީޑަރު ރައީސް ނަޝީދު ވަނީ ތަކުރާރުކޮސް ވިދާޅުވެފައެވެ.
ރޭ ކުޅުދުއްފުށީ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވާ އާތިފް ވިދާޅުވީ އެމްޑީޕީއަށް އަލުން ދިޔައީ ކުޅުދުއްފުށީ ރައްޔިތުންނާއި ކުޅުދުއްފުށީގެ ކުރިއެރުމަށް ބެލުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއާއިއެކު ޑީލެއް ހެދިނަމަ އެޑީލް ހެދީ ކުޅުދުއްފުށީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އޭގެ ސަބަބުން އެއް ބިލިޔަން ރުފިޔާގެ ތަރައްޤީ ކުޅުދުއްފުއްޓަށް ލިބޭނެކަމަށް އާތިފް ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް އެ ޑީލަށް ނޫނެކޭ ނުބުނެވުނު. އެ ޑީލަށް ނޫނެކޭ ބުނުމަކީ ކުޅުދުއްފުށްޓަށް ވެވޭ ބޭވަފާއެއް. އަޅުގަނޑުމެން ރައީސް އިބޫއާއެކު ޑީލެއް ހެދިން. އެއީ ތިބޭފުޅުންގެ ނަމުގައި ހެދި ޑީލެއް.
– އާތިފް ވިދާޅުވިއެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް ރައީސް ސޯލިހާ ވާދަ ކުރައްވާނީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ކަމަށާއި އެހެންވެ ރައީސް ސޯލިހު ނޫން ގޮތެއް ފެންނަން ނެތް ކަމަށް އާތިފު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ރައީސް އިބޫއާ ކިރިޔާ ވެސް ވާދަ ކުރައްވާނީ ޕީޕީއެމްގެ ކެންޑިޑޭޓު. ދެން އަޅުގަނޑުމެން ދާނީ ޕީޕީއެމްއަށްތޯ އެމްޑީޕީއަށްތޯ ރައްޔިތުން މި ނިންމަންޖެހެނީ. އިތުރު ކެންޑިޑޭޓަކާމެދު ވިސްނާނެ ކަމެއް ވެސް ނެތް. ވިސްނުމެއް ނެތް. ނާންނާނެ. އާތިފު ވިދާޅުވިއެވެ.
ރައީސް ސޯލިހު ނޫން ގޮތެއް ފެންނަން ނެތްކަމުގެ ހެކި އާތިފު ދެއްކެވީ ޕީޕީއެމްގެ ވެރިކަމުގެ ހައުސިން މިނިސްޓަރު އަދި މިހާރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އޭރު ކުރައްވާފައިވާ ކަންކަމުންނެވެ. ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށިން ރައީސް ސޯލިހަށް 70 ޕަސެންޓު ވޯޓު ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވެސް އާތިފު ވިދާޅުވިއެވެ.