މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބޭނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރިކަމަށާއި، ޕީޕީއެމްއިން ވަކިވީ އެކަން ނުވުންކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ހދ.ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ވަހީދު ވަނީ އޭނާ ޕީޕީއެމްއިން ވަކިވާން ޖެހުނު ސަބަބު ހިއްސާ ކުރައްވާ ކަމަށެވެ. ވަހީދު ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭ ހާލަތެއްގައި ޕީޕީއެމްއިން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް އޮތީ މާކުރިންވެސް ނިންމިފައިކަމަށެވެ. އެނިންމުމަކީ ރައީސް ޔާމީންވެސް ތާއީދު ކުރާ ނިންމުމެއް ކަމަށެވެ.
އަދި ޕީއެންސީގެ ކެންޑިޑޭޓަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތިންވަނަ އޮޕްޝަންކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ ފަހު ވަގުތާއި ހަމައަށްވެސް އުންމީދު ކޮށްގެން ހުރީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބޭނެކަމަށެވެ. ނަމަވެސް އެކަން ހިނގައިދިޔައީ ރައީސް ޔާމީންވެސް ނިންމި ގޮތަށް ނޫންކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
އަޅުގަނޑަށް ނުޖެހޭ އެތާކު ހުންނާކަށް. އަޅުގަނޑާއި ދޭތެރޭ އެގޮތަށް އެއްވެސް އިޚުތިރާމެއް ނެތި ކަންކަން ކުރުމުން އަޅުގަނޑަށް ނުޖެހޭ އެތާކު ހުންނާކަށް.
– ޑރ.ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު މިހެން ވިދާޅުވި ނަމަވެސް ރައީސް ޔަމީން ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދުކުރާކަން ރަސްމީކޮށް ހާމަކޮށް ދިވެހި ރައްޔިތުން އެކަތި ގަނޑަކަށްވެ މުއިއްޒު ހޮއްވެވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވަހީދު މީގެ ކުރިންވެސް މިވާހަކަ މިފަދަ ގޮތަކަށް ދެއްކުމުން ޕީޕީއެމްއިން ވަނީ މިއީ އެއްވެސް ހަގީތެއް ނެތި އަމިއްލަ މަންފާއެއް ހާސިލް ކުރެއްވުމަށް ދައްކަވާ ވާހަކަ ތަކެއްކަމަށް ވިދާޅުވެފައެވެ.
ޑރ.މުއިއްޒު ވަނީ އިންތިޚާބު ކާމިޔާބުކޮށް، ފުރަތަމަ ކުރައްވާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުންކަމަށެވެ. ޑރ.މުއިއްޒު ވަނީ ރައީސް ޔާމީނުގެ އިރުޝާދާއި ލަފާފުޅުގެ މަތީން ވެރިކަން ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ