ޔުމްނާ އެމްއާރުއެމްގެ ހަރަކާތްތަކުން ޔުމްނާ ނުފެންނަތާ ގިނަ ދުވަސްތަކެއް!

ޔުމްނާ އެމްއާރުއެމްގެ ހަރަކާތްތަކުން ޔުމްނާ ނުފެންނަތާ ގިނަ ދުވަސްތަކެއް!

މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އެމްއާރުއެމްގެ ހަރަކާތްތަކުން ނުފެންނަތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށް ގިނަ ބަޔަކު ފާހަގަ ކުރަން ފަށައިފިއެވެ.

ޔުމްނާ މައުމޫނަކީ އެމްއާއެމްގެ ކައުންސިލް މެމްބަރެއްވެސް މެއެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުގެ ކެބިނެޓްގައި ޔުމްނާ އިންނަވަނީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ.

ޔުމްނާ މިހާތަނަށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ސާލިހަށް ތާއީދު ކުރައްވާނެކަން ހާމަ ކޮށްފައި ނުވިނަމަވެސް، ރައީސް ސާލިހުގެ ކެބިނެޓްގައި، އެމްއާރުއެމްގެ ސްލޮޓުގައި ދެން ހިމެނިވަޑައިގަންނަވާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބުރާހިމް ހަސަން ވަނީ ރައިސް ސާލިހުގެ ކެމްޕޭން ބައެއް އިވެންޓްތަކުން ފެނިފައެވެ.

ފަހަކަށް އައިސް އެމްއާރުއެމްގެ އެއްވެސް އިވެންޓަކުން ޔުމްނާ ފެނިފައި ނުވާއިރު، މީޑިއާތަކަށް އާންމު ވެފައިވާ ބައެއް ފޮޓޯތަކުން އެނގޭ ގޮތުގައި، ފަހަކަށް އައިސް ބޭއްވިފައިވާ އެމްއާރުއެމްގެ އެކްސްކޯގެ ބައްދަލުވުންތަކުންވެސް ޔުމްނާ ފެނިފައެވެ. އަދި އެމްއާރުއެމްއިން އެހެން ޕާޓީތަކާއެކު ބާއްވަމުންދާ ސިޔާސީ މަޝްވަރާތަކުންވެސް ޔުމްނާ ފެންނަމުންނެއް ނުދެއެވެ.

ޔުމްނާ މައުމޫނު އެމްއާރުއެމްގެ ހަރަކާތްތަކުން ފެންނަމުން ނުދަނީ އެޕާޓީއާއި ޚިޔާލުތަފާތުވެގެން ކަމެއް ޔަގީން ކުރެވިފައެއް ނުވެއެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޔުމްނާ ތާއީދު ކުރައްވާ ކެނޑިޑޭޓެއްވެސް އޭނާ މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން މިހާރު ތައްޔާރުވަމުންދާކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާއިރު، އެމްއާރުއެމްއިން މިއަދުވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަށް ނިންމާފައެވެ.

އެމްއާރުއެމްއަކީ، ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބެންޖެހޭ އަދަދަށް މެމްބަރުން ހަމަ ނުކުރެވިގެން، އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައިވާ ޕާޓީއެކެވެ. އެހެންނަަމަވެސް އެޕާޓީން ކޯޓަށް ދިއުމުން، ކޯޓުގެ ވަގުތީ އަމުރަކުން، އެޕާޓީ އުވާލުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *