ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިން މޭޓަކަށް ވުމުގެ ޝައުގުވެރިކަން ހުރިކަމަށް މިހާރުވެސް އެމަނިކުފާނުގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދޮޅު މަހެއްހާ ދުވަހަށްވެފައިވާ އިރު، ސިކުނޑިފުޅުގައި އޮތް އެންމެ ބޮޑު އެއް ކަމަކީ ރަނިންމޭޓަކު ނެގުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ފައިސަލް ނަސީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދާކުރައްވަން ނިންމަވާ ރައީސް ސާލިހު ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، ކުރިއަށް އޮތް ދައުރުގެ ރަނިންމޭޓަކަށްވުމުގެ ޝައުގުވެރިކަން އެބަހުންނެވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ކުރައްވަމުންދާ މަސައްކަތްތަކާއި، ކަންކަން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ.
އަޅުގަނޑު މިމަގާމުގައި ހުރެގެން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި ކަންތައްތައް ސޯޝަލް ސެކްޓަރުގެ ކަންތައްތައް މީހުން ބިނާކުރުމާއި، ޒުވާނުން މުޖުތަމައަށް ނެރުމާއި، އެމީހުންނަކީ މުޖުތަމައަށް ބޭނުންވާ ކަހަލަ ބައެއް ކަމަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، ސްކޫލު ދައުރުން ފެށިގެން ކުދިން މަސައްކަތްތައް އަހުލުވެރިކުރުމާއި، ޓޫރިޒަމް ދާއިރާ އެކި މަގާމުތަކަށް އިތުރަށް މީހުން ތައްޔާރުކުރުމާއި އެހެން ބައިވަރިކަންކަން އެބަހުރި. އެދެނީ އަޅުގަނޑު ވެސް އެމަސައްކަތް ކުރުމުގެ ފުރުސަތު ލިބުން. ޝައުގުވެރިކަން އެބަހުރި.
– ނައިބް ރައީސް ވިދާޅުވިއެވެ.
ނާއިބުރައީސް ފައިސަލް ވިދާޅުވީ ދިވެހި ގައުމާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހަވާލުވެވަޑައިގަންނަވާ ކޮންމެ މަސައްކަތެއް ވެސް އެންމެފުރިހަމަ ގޮތުގައި ކުރާއްވާނެ ކަމުގެ ޔަގީންކަން ނާއިބުރައީސް ފައިސަލް ދެއްވިއެވެ.
ފައިސަލް ނަސީމްހގެ ޝައިގުވެރިކަން ނައިބް ރައީސް ކަމަށް ހުންނެވިއިރު ނައިބް ރައީސަށް 50 އަހަރު ފުރިގެން ނެރުނު ބަޔޮގްރަފީ ފޮތަށް ރައީސް ޞާލިހު ދެއްވި އިންޓަވިއުއެއްގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ފައިސަލް އަކީ ވަރަށް އިތުބާރު ކުރެވޭ އަދި އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ ބޭފުޅެއް ކަމަށެވެ.
ރައީސް ވިދާޅުވީ ފައިސަލަކީ މީހަކު ބުނާހާ ގޮތަކަށް ކަންކަން ނިންމަވާ ބޭފުޅެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އަމިއްލަ ވިސްނުންފުޅަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު އަދި އެންމެ މަޞްލަޙަތު ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް ގޮތުގައި އެ މަނިކުފާނު ވަނީ ފައިޞަލް ސިފަ ކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ