ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިމަހުގެ ފުރަތަމަ 16 ދުވަސްތެރޭ 100،000އަށް އެރުވުމުގެ އަމާޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރ މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރުމަހު ދުނިޔޭގެ ބައެއް މާކެޓްތަކުން ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު އިތުރުވެފައި ވާކަމަށް ވިދާޅުވެ މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ސޯޅަ ދުވަހު އެއްލައްކައިގެ ޓާގެޓް ފުރިހަމަކޮށް މިމަހުގެ 25ގެ ކުރިން މިއަހަރަށް އަމާޒުހިފި 500،000 ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 79،627 ފަތުރުވެރިން މިހާރު ވަނީ އައިސްފަ އެވެ. މި އަދަދާއެކު މިއަހަރުގެ މިހާތަނަށް 462،474 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން އެއްލައްކައިގެ އަމާޒަށް ވާސިލްވުމަށް ދެން ގެންނަޖެހޭނީ 20 ކަށް ހާސް މީހުނެވެ. އަދި ފަސްލައްކައިގެ އަމާޒަށް ވާސިލްވުމަށް 38 ހާހެއްހާ ފަތުރުވެރިން ރާއްޖެ ގެންނަންޖެހޭނެއެވެ.
ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު މަރޗް މަހުގެ ތެރޭގައި ބަންދުކުރަން ޖެހުމާއި، މުޅި ދުނިޔޭގެ ޓޫރިޒަމް ސިނާޢަތަށް އައި ހީނަރުކަމުން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް އައި ބޮޑު ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ހަލުވިވެގެންދާ އެއް ސަބަބަކީ ޓޫރިޒަމް ސިނާޢަތުގައި މަސައްކަތްކުރާ އެންމެންގެ ބައިވެރިވުން މިކަމުގައި އޮތް މިންވަރު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
#Maldives tourism is bouncing back! Nov arrivals from some markets broke 2019 Nov records.#Egypt +40% #Kazakhstan +24.4%#Russia +5% #Brazil +2.9% #Ukraine +0.9%
We expect to reach target of 100,000 tourists by 16 Dec and annual arrival target of 500,000 by 25 Dec. Thankyou!— Abdulla Mausoom (@Mausoom_Maus) December 4, 2020
މިނިސްޓަރ އާންމު ކުރެއްވި ތަފާސްހިސާބުގައި ވާގޮތުން މިދިޔައަހަރުގެ ނޮވެމްބަރު މަހަށްވުރެ މިއަހަރުގެ ނޮވެމްބަރު މަހު މިސްރުން ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް ވަނީ 40 އިންސައްތަ އިތުރުވެފައެވެ. އަދި ކަޒަކިސްތާނުން އައި ފަތުރުވެރިންގެ ނިސްބަތް ވަނީ 24.4 އިންސައްތަ، ރަޝިޔާގެ ފަތުރުވެރިން 5 އިންސައްތަ ބްރެޒިލްގެ ފަތުރުވެރިން 2.9 އިންސައްތަ އަދި ޔޫކްރައިންގެ ފަތުރުވެރިން 0.9 އިންސައްތަ، މިދިޔަ އަހަރުގެ ނޮވެމްބަރަށް ވުރެ މިއަހަރުގެ ނޮވެމްބަރު މަހު އިތުރުވެފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އަންނަ ފަތުރުވެން އިތުރުވުމުގެ އެންމެ ބޮޑުއެއް ސަބަބަކީ، މި ދަނޑިވަޅުގައި ޗުއްޓީހޭދަކޮށްލަން އެންމެ ރައްކާތެރި މާހައުލެއް އޮތް މަންޒިލަކީ ރާއްޖެ ކަމުގައި ވުމާއި، އެފަދަ މަންޒިލެއްގެ ގޮތުގައި ރާއްޖެ މިހާރު އިޝްތިހާރު ކުރުމަށް ކުރެވޭ މަސައްކަތެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަށް ރާއްޖެއަށް މިދަނޑިވަޅުގައި ލިބުމަކީވެސް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާ އެއް ސަބަބެވެ.
ކޮމެންޓު ފޮނުވާ