ޖަޕާނުން 8 އެމްބިއުލާންސް ހަދިޔާ ކޮށްފި

ޖަޕާނުން 8 އެމްބިއުލާންސް ހަދިޔާ ކޮށްފި

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2023 11:28
0

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް އަށް އެމްބިއުލާންސް ހަދިޔާކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ހަވާލްކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު މިސް ތަކެއުޗި މިދޯރީއެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން އެމްބިއުލާންސްތަކާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އަހުމަދު ނަސީމެވެ.

އެ ރަސްމިއްޔާތުގައި ހއ. ހޯރަފުށި ހެލްތު ސެންޓަރު، ހއ. ކެލާ ހެލްތު ސެންޓަރު، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސްޕިޓަލް، އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލަށް ވަނީ އެމްބިއުލާންސެއް ހަވާލުކޮށްފަ އެވެ. އަދި ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ނެޝަނަލް އެމްއެމްބިއުލާންސް ސަރވިސަސްއަށް ދެ އެމްބިއުލާންސް ހަވާލުކޮށްފައި ވެއެވެ.

ހެލްތު ފެސިލިޓީ ތަކުން އެމްބިއުލާންސްތަކާއި ހަވާލުވެ ވަޑައިގެންނެވީ އެ ފެސިލިޓީއެއްގެ މެނޭޖަރެވެ. ހެލްތް މިނިސްޓްރީއިން ބުނީ މިއަދު ހަވާލްކުރެވުނު އެމްބިއުލާންސްތަކާއިއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

މިއަދު ހަވާލުކުރެވުނު އެމްބިއުލާންސްތަކަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)" ގެ ދަށުން ހަދިޔާކުރެވުނު އެމްބިއުލާންސްތަކެއް ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އެ އެމްބިއުލާންސްތަކަކީ، އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތަކާއެކު ހަދިޔާކުރެވުނު އެމްބިއުލާންސްތަކެއް ކަމަށެވެ. މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭއެލްއެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނޭ ކަމަށެވެ.

އެމްބިއުލާންސްތަކުގެ އަގަކީ 2,453,800 ރުފިޔާ ކަމަށް ހެލްތް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.