އިލެކްޝަންސް ކޮމިޝަންގެ ނަޒާހަތްތެރި ކަމާއިމެދު ކޮމިޝަންގެ ތެރެއިންވެސް އަދި ކޮމިޝަންގެ ބޭރުންވެސް އެއްވެސް ސުވާލެއް ނޫފައްދާ ކަަމށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
އީސީގެ ތެރޭގައި ފުރަތަމަ ހިޔާލުތަފާތުވުން އުފެދުނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީއަށް ހުއްދަ ދިނުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ.
އެ މައްސަލާގައި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން އީސީއަށް ވަޑައިގެންނެވި ދުވަހު އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވަނީ އެ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ހިލާފު އުފެދި، އިތުބާރު ގެއްލިފައިވާކަން ހާމަ ކުރައްވާފައެވެ. އަދި ބައެއް މެންބަރުން، ފުއާދު މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް ތުހުމަތުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމާއި ގުޅޭ ޖަލްސާއެއްގައި ކޮމިޝަންގެ މެންބަރުން ހުށަހެޅި ކަންކަމާއި ރިޔާސަތުން ހުށަހެޅި ކަންކަމާމެދު ހިޔާލުތަފާތުވުން އުފެދުނު ކަމަށެވެ. މިއީ އަލަށް ދިމާވި ކަމެއްކަން ފާހަގަކޮށް ހަބީބު ވިދާޅުވީ ހިނގި ކަންކަމުގެ ސަބަބުން ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންގެ ތެރޭގައި ނުތަނަވަސްކަން އުފެދުނު ކަމަށެވެ.
ހަބީބު ވިދާޅުވީ އެ ޖަލްސާގެ ފަހުން އެފަދަ ކަމެއް ނުހިނގާ ކަމަށާއި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް އިތުބާރު އެބަ އޮތް ކަމަށެވެ. ހަބީބު ވިދާޅުވީ ކޮމިޝަންގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރައްވާ ކަމަށާއި ކޮމިޝަންގެ ޖަލްސާތަކާއި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުންގެ ތެރެއިން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އާއި ނައިބު ރައީސް އިސްމާއީލް ހަބީބުއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ދެން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާއެވެ.
ކޮމިޝަންގެ މެންބަރުންގެ ތެރެއިން އަލީ ނަޝާތު އާއި މުހައްމަދު އާސިފު އަދި ޑރ. މުހައްމަދު ޒާހިރު މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ޑރ. ޒާހިރު ހުންނެވީ ކޮމިޝަންގެ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.
އީސީގެ އެތެރޭގައި ޖެހިފައިވާ މައްސަލަތަކާ ގުޅިގެން ސިޔާސީ ޕާޓީތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މީގެކުރިން ރިޔާސީ އިންތިހާބަކަށް ކުޑަތަންވެފައިވަނިކޮށް އިންތިހާބު ބާއްވާ ކޮމިޝަނުގެ ތެރޭގައި މިފަދަ ފާޅުކަންބޮޑު ދެބަސްވުންތަކެއް އުފެދިފައިނުވާކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެެވެ.