ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލި ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވާއިރު، ތަންފީޒު ކުރަންޖެހޭ ޖަލު ހުކުމެއް ނެތްކަމަށް ކަރެކްޝަނުން ބުނެފިއެވެ.
އަލީ ވަހީދު ރާއްޖެ ވަޑައިގަންނަވާނީ މިއަދު މެންދުރުފަހު 1:00 ހާއިރުއެވެ. މާލެ ވަޑައިގަތުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބޭސްފަރުވާއަށްކަމަށް ވިދާޅުވެ 2021 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 21 ވަނަދުވަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ އޭނާގެ މައްޗަށް ދައުލަތުން 7 ދައުވާއެއް އުފުލާފައިވަނިކޮށެވެ. އަދި ރާއްޖެވަޑައި ނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދަށް ކުރި ޖިންސީ ކުށުގެ ދަޢުވާ ސާބިތު ކުރުމަށް ބޭނުންވާ ހެކިތައް ލިބޭނެ ގޮތެއް ނެތްކަމަށް ބަލައި އެ ދަޢުވާތައް ޕީޖީން އަނބުރާ ގެންގޮސްފައިވާއިރު، ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް އޮވެއެވެ.
ނަމަވެސް ކަރެކްޝަނުން ބުނީ އެއިދާރާއަށް އަލީ ވަހީދުގެ ޖަލު ހުކުމެއް އޮތްކަމެއް އެނގިފައި ނުވާކަމަށެވެ. އަދި އުފުލި ދައުވާތައް ބާތިލް ކުރުމުން އެހުކުމްވެސް ބާތިލްވީ ނުވަތަ އެއީ ގޭބަންދު ހުކުމަކަށް ވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.
ޢަލީ ވަހީދު ވަނީ ރާއްޖޭން ބޭރުގައި ހޭދަކުރި ދުވަސްތަކުގައި މިސަރުކާރާއި ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ކޮމެންޓު ފޮނުވާ