ސަރުކާރުގެ އިސް ބައެއް މަގާމްތަކުގައި ތިއްބެވި ޖުމުހޫރީ ޕާޓީގެ މެމްބަރުން އެޕާޓީ ދޫކޮށް އެމްޑީޕީއާއި ގުޅެމުންދަނީ ޖުމުހޫރީ ޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް، އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އަހުމަދު ސަމީރު ކަމުގައި ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ތުހުމަތު ކުރައްވައިފިއެވެ.
އިއްޔެ ބޭއްވުނު ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ 158 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޖުމުހޫރީ ޕާޓީން މެމްބަރުން އެޕާޓީން ވަކިވެ އެމްޑީޕީއާއި ގުޅެމުންދާ ދިއުމަށް ނިސްބަތްކޮށް، ހިންހަމަނުޖެހުން ފާޅު ކުރައްވަމުން ގާސިމްވަނީ، ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އެޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރަށްވެސް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.
ގާސިމް ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ޖޭޕީގެ މެމްބަރުންނަށް ގުޅާ، އެޕާޓީން މެމްބަރުން ވަކި ކުރުމަށް މަސައްކަތް ރެއާއި ދުވާލު ސަމީރު ގެންދަވަނީ ކުރައްވަމުންނެވެ.
އަޅުގަޑުމެންގެ އެސްޖީއަކަށް ހުންނެވި ސަމީރުގެ ރެއާދުވާލުގެ މަސައްކަތަކީ އަޅުގަޑުމެން ޕާޓީގަ ތިބޭ ތަންތަނުގަ ތިބޭ މީހުން، އެކި ބޭފުޅުންނަށް ފޯނު ކޮށްގެން، ކޮންވިންސް ކޮށްދީގެން އަބަދު ރައީސް އޮފީހަށް ގެންގޮސްގެން ބޮޑުގޮނޑި ދައްކައިގެން.. ބަލަ ތަންކޮޅެއް ލަދުހަޔާތް ކުޑަ ދޯ މިވަރު ދެން. ލަދެއް ހަޔާތެއް ހުންނަން ޖެހޭނެ ދޯ! ސަމީރެއް ކަމަކު، އަދި އެހެން މީހެއްކަމަކު. ދެން އެހިސާބަށް ދިޔައިމާ އަޅުގަޑު ދަންނަވާލީ، ދަންނަވާލަން ބޭނުންވަނީ ބޭފުޅުންނޭ މިއަދެއް ނޫނޭ އެކަނި އޮތީ. މާދަމާވެސް އެބައޮތޭ. އަޅުގަޑުމެންގެ ބުއްދިވެރި ވިސްނުންތެރިން ބުނަނީ ކާޅަކަށް ދުވަހެއް އޮތިއްޔާ ވާލަށްވެސް ދުވަހެއް އަންނާނެއޭ.
ޖުމުހޫރީ ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު، ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާތީ ހިންހަމަނުޖެހުން ފާޅުކޮށް އެޕާޓީން ވަކިވި ސަމީރަށް ނިސްބަތްކޮށް ގާސިމް ވިދާޅުވެފައި ވެއެވެ.
ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ އެބޭފުޅުން ވިސްނަމުންދަނީ ގޯސްކޮށް ކަމުގައެވެ. އަދި ހެޔޮކަމެއް ކޮށްދިން މީހަކަށް ތެޔޮ ހަމެއް ދެވިދާނެކަމަށާއި، އެހެންނަމަވެސް ތެޔޮހަން އަބަދު ނުދެވޭނެކަމަށް ވިދާޅުވަމުން ގާސިމް ވިދާޅުވީ ކަންކަން ކުރަންވާނީ "ތަންކޮޅެއް ތާހިރުކޮށް" ކަމުގައެވެ.
އިއްޔެގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ރައީސް ސާލިހު މިހާރު ގެންދަވަނީ ގޯހުގެ މައްޗަށް ގޯސް ހައްދަވަމުންކަމަށް ވިދާޅުވެ، ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮތްތޯވެސް ސުވާލު އުފައްދަވާފައެވެ. އަދި ގާސިމްވަނީ ސަރުކާރުން މަޖިލިސް "ޑެޑް ލޮކަށް" ގެނެސްގެން އުޅޭކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ