މި މަހު 96 އެކްސިޑެންޓް؛ އަހަރުގެ ޖުމުލަ 2,000 ފަހަނައަޅައިފި

މި މަހު 96 އެކްސިޑެންޓް؛ އަހަރުގެ ޖުމުލަ 2,000 ފަހަނައަޅައިފި

Author
އަހުމަދު
17 އޮކްޓޯބަރ 2026 04:03
0

 

މި އަހަރުގެ މިހާތަނަށް ހިނގާފައިވާ އެކްސިޑެންޓުތަކުގެ އަދަދު 2,379 އަށް އަރާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ. އެއިން 96 އެކްސިޑެންޓް ހިނގާފައިވަނީ މި މަހެވެ.

ފުލުހުންގެ ވެބްސައިޓުގައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރު ފުލުހުންނަށް ޖުމުލަ 9,912 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ 2,753 ވައްކަމުގެ މައްސަލައެވެ. ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވެފައިވާތީ، ނުރައްކާތެރިކޮށް ދުއްވުން މަދުކުރުމަށް ފުލުހުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތައް ކަނޑައަޅާފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނު ވެސް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވެއެވެ.

އެ ގާނޫނުގެ ދަށުން، ރަޖިސްޓްރީ ނުކޮށް ނުވަތަ ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވާ މީހުންނަށް ފުރަތަމަ ފަހަރަށް 500 ރުފިޔާ، ދެވަނަ ފަހަރަށް 750 ރުފިޔާ، އަދި އޭގެ ފަހުން ކޮންމެ ފަހަރަކަށް 1,000 ރުފިޔާގެ ޖޫރިމަނާ ކުރެވޭނެއެވެ.

ގާނޫނު ތަންފީޒުކުރަން ފެށި ފުރަތަމަ ހަފްތާގައި 183 އުޅަނދު ޓޯކޮށް، 653 މީހަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން، މާލެއާއި ހުޅުމާލޭގެ ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގައި ގާނޫނާ ޚިލާފުވާ މީހުންނަށް މެސެޖަކުން އަންގާނެ ކަމަށް ވެސް ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހު ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.