ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށް އުފެއްދެވި ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިއެއްގެ ގޮތުގައި އޭރުވެސް މިހާރުވެސް އޮތީ ޖުމުހޫރީ ޕާޓީކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
މިގޮތުން 2018ވަނަ އަހަރު ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އެރީ، ގާސިމް އިބުރާހިމްވެސް ހިމެނޭގޮތުން އިދިކޮޅު ލީޑަރުން ޖަލަށްލައި، އަދި ސިޔާސީ އެތައް ބަޔަކަށް ލިބު އަނިޔާތަކާއި ދެކޮޅަށެވެ. އިދިކޮޅު ޕީޕީއެމް ފިޔަވާ އެހެން ހުރިހާ ޕާޓީތަކެއް އެއްގަލަކަށް އަރާ ކުރި މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ހުންނެވީވެސް ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމްއެވެ.
ހަމައެއާއެކު، ރައީސް ސާލިހުގެ ވެރިކަމުގެ މެދަކާއި ހަމަޔަށް އާދެވުނުއިރު، އެމްޑީޕީގެ އެތެރޭގައި އުފެދެންފެށި ބޮޑެތި ހަމަނުޖެހުންތަކާއެކުވެސް ގާސިމް އިބުރާހިމް ފާހަގަވެގެން ދިޔައީ، ރައީސް ސާލިހަށް ތާއީދު ކޮށްގެން، ވެރިކަންކުރާ ކޯލިޝަންގައި ދެމިހުންނެވި ކޯލިޝަން ބައިވެރިއެއްގެ ގޮތުގައެވެ. އޭގެ ހެއްކެއްގެ ގޮތުން، މި ދައުރުގައި ބޭއްވިގެންދިޔަ ރައްޔިތުންގެ މަޖިލިހުގެ މުހިންމު ބައެއް ބައި އިލެކްޝަންތަކެއް އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ގާސިމް އަމިއްލަފުޅަށް އެ ދާއިރާތަކަށް ވަޑައިގެން އަމިއްލަފުޅު ހައިސިއްޔަތުން މަސައްކަތް ކޮށްދެއްވާފައިވާކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި ކުރިމަތިވެވަޑައިގެންނެވި ސިޔާސީ އެތައް ހަލަބޮލި ކަމަކާއެކުވެސް، ގާސިމް އިބުރާހިމް ރައީސް ސާލިހުގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ދެމިހުންނެވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން ގާސިމް އިއުލާން ކުރެއްވުމާ ހަމައަށެވެ.
އެއީ ފާއިތުވެދިޔަ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު އޮތް ޖޭޕީގެ ގައުމީ ކޮންގްރެސްއާއި ހަމައަށެވެ. އެ ކޮންފަރެންސްގައި، ރައީސް ސާލިހާ ޚިޔާލު ތަފާތުވެފައިވާ އެމްޑީޕީގެ އޭރުގެ ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ގާސިމް ސަރުކާރަށް ފާޑުވިދާޅުވި ހިސާބުންނާއި އަދި އެ ކޮންފަރެންސްގައި ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޚާއްސަ ގަރާރެއް ފާސްކުރި ހިސާބުން، ގާސިމް ފެންނަމުން ގޮސްފައިވަނީ ގިނަގިނައިން ސަރުކާރަށް ފާޑު ވިދާޅުވާ، ރައީސް ސާލިހާ ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ.
އަދި އެއަށްފަހު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާން ކުރެއްވުމަށްފަހު، އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދުއާއެކީ ކޯލިޝަން ހައްދަވާ، އެހެންނަމަވެސް އެ ކޯލިޝަން ހަގީގަތަކަށް ވެގެން ނުދިޔަނަމަވެސް، ސަރުކާރާ ދުރަށް ގާސިމް ކުރައްވާން ފެއްޓެވި ދަތުރުގައި އެންމެފަހުން ކުރިމަތު ކުރެއްވި އުޒުރަކީ ގާސިމް ވިއްކަވަން މަސައްކަތްކުރެއްވި ފަޅެއް ވިއްކުން ސަރުކާރުން ހުއްޓުވި ކަމުގެ ތުހުމަތުތަކެވެ.
އެއުޒުރު ކުރިމަތި ކުރައްވާ، އެންމެ ފަހުން ގާސިމްވަނީ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ހެއްދެވި ކޯލިޝަން މިހާރު އުވިފައިވާކަން އިއުލާންކޮށް، ރައީސް ސާލިހު ވެރިކަން ދޫކުރައްވާ "ގެއަށް ކަނޑާލުމަށް"ވެސް ގޮވާލައްވާފައެވެ.
އެންމެ ބޮޑު މައްސަލައަކަށް ފަޅު ވިކުން ހުއްޓުވުން!
ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވީ، ސަރުކާރު އަޑީގައި އޮވެގެން، އޭނާ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާތީ ކަމުގައި ގާސިމް ތުހުމަތު ކުރައްވާފައިވަނީ ރޭއް ބޭއްވުނު ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސުޕްރިމްކޯޓުންނާއި، އެންޓި ކޮރަޕްޝަންގެ ކޮމިޝަނުންވެސް ނިމިފަ އޮތް މައްސަލައެއްގައި، މީހަކު ލާ ސިޓީއަކަށް ފަޅު ވިއްކުން ހުއްޓުވިގެން ނުވާނެ ކަމުގައެވެ.
ސުޕްރިމް ކޯޓުން ނިމިފަ، އެންޓިކަރަޕްޝަން ކޮމިޝަނުން ނިމިފަ އޮތްކަމެއްގަ، އިތުރަށް ކޮންތާކުން ކާކު ލާ ސިޓީއެއްތޯ ބަލައިގަނެގެން ހުއްޓުވަން އޮތީ އެ ޕްރޮޖެކްޓު؟ ނުތަވަ އެ މައްސަލަ. ވިދާޅުވެބައްލަވާ! ކާކަށްތޯ ހުއްޓުވޭނީ؟ ރައީސުލްޖުމުހޫރިއްޔާއަށްވެސް ސުޕްރިމް ކޯޓުން ނިންމީމަ ދެން ރައްޔިތުންގެ މަޖިލީހަށްވެސް ނޯންނާނެ އޭގެ ބާރެއް. ގާނޫނުއަސާސީގަ އޮތްގޮތް އެއީ. އަޅުގަޑުގެ ވާހަކައެއް ނޫން އަޅުގަޑު މިދަންނަވަނީ.
ފަޅު ވިއްކުވުން އޭސީސީން ހުއްޓުވާފަ އޮތް އޮތުން ކުށްވެރި ކުރައްވާ، އަދި އެކަމުގެ އަޑީގައި މިސަރުކާރު އޮތްކަމަށް ތުހުމަތު ކުރައްވަމުން ގާސިމް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ގާސިމް ވަނީ، ފަޅު ވިއްކުން ހުއްޓުވާފައި އޮތް އޮތުން ސީދާ ރައީސް ސާލިހާ ގުޅުވާ، ރައީސް ސާލިހު ވެރިކަން ދޫކުރައްވާ ގެއަށް ވަޑައިގަތުމަށްވެސް ގޮވާލައްވާފައެވެ.
އެހެންވީމަ މިވަރުގެ ޖަރީމާ ހިންގީމަ ކަމަކު ނުދޭ. "އިޓް އިޒް ޓޫ މަޗް". "އިޓް އިޒް މޯ ދޭން އިނަފް". "ޔޫ ހޭވްޓު ގޯ ބެކް". މިހާރު ދާންވީ، ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މިބުނީ. މިހާރު ކަނޑާލަންވީ ގެއަށް.
ކޯފާ އިސްކުރައްވާ، ރައީސް ސާލިހު ވެރިކަމުގައި ހުންނަވައިގެން ނުވާނޭކަމަށް ވިދާޅުވަމުން އިއްޔެގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ވިދާޅުވެފައި ވެއެވެ.
ގާސިމް ތުހުމަތު ކުރައަވާފައިވަނީ ފަޅު ވިއްކުން "ސަރުކާރު އަޑީގައި" އޮވެގެން ހުއްޓުވީ އޭނާ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާތީ ކެމްޕޭނަށް ދަތިކުރުމުގެ މަގުސަދުގައި ކަމުގައެވެ. އަދި އޭގެ އިތުރުންވެސް، ގާސިމް ވިދާޅުވެފައިވަނީ، އެޕާޓީގެ މެމްބަރުން "ދަމާ" އެމްޑީޕީއަށް ގެންދަމުން ދާއިރު، އެޕާޓީން ސަރުކާރާއެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުން މިހާރު ދެމިއޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ގާސިމް ވިދާޅުވެފައިވެއެވެ.
އެހެންކަމުން ހުރިހާ ހައިސިއްޔަތަކުން ބެލިކަމުގައި ވިނަމަވެސް، ގާސިމް ސަރުކާރާ ދެކޮޅަށް ފާއިތުވެދިޔަ ތަނުގައި އޮއްސަމުން ގެންގޮސްފައިވާ އުދާސްތަކާއި ކަންބޮޑުވުންތަކާއެކު، މިހާރު ވަރަށްވެސް ސާފުކޮށް ފެންނާން އޮތް އެއް މަންޒަރަކީ، ފަޅުވިއްކުން ހުއްޓުމާ ހަމައިން، 2018 ގައި، އޭރު އޮތް ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ގާސިމް ނިކުންނެވި ބީދައިން މި ސަރުކާރާ ދެކޮޅަށް ނިކުންނެވުމަށް ގާސިމް މިހާރު ކަމަރު ބަންނަވައިގެން ހުންނެވި މަންޒަރެވެ.
ގާސިމް ދުރަށް ނުލުމަށް ކުރި ހުރިހާ މަސައްކަތެއް ފެއިލްވީތަ؟
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން ރައީސް ސާލިހު އިއުލާން ކުރައްވާ، އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވި ހިސާބުން، ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި ޖޭޕީގެ ގިނަ ވަޒީރުންނާއި އަދި ސިޔާސީ އިސް މަގާމްތަކުގައި ތިއްބެވި ޖޭޕީގެ ގިނަ މެމްބަރުން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދުކުރައްވާނޭކަން އިއުލާން ކޮށްފައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންވަނީ ޖޭޕީން ވަކިވެސް ވެފައެވެ.
އެހެންނަމަވެސް، ފާގަވާން އޮތް އެއްކަމަކީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ގާސިމްއަށް ތާއީދުކޮށްގެން ތިއްބެވި ބައެއް ވަޒީރުންވެސް ރައީސް ސާލިހުގެ ކެބިނެޓްގައި ތިއްބެވިއިރު، ޖޭޕީގެ ސްލޮޓްގައި ސިޔާސީ މަގާމްގައި ތިއްބެވި އެހެން ސިޔާސީ ފަރާތްތައްވެސް ރައީސް ސާލިހު މަގާމުން ވަކިކޮށްފައި ނުވާކަމެވެ.
އޭގެ ތެރޭގައި ގާސިމް އިބުރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާއި، ފިޝަރީސް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެންރަޝީދު ހުސެންވެސް ހިމެނިވަޑައިގަންނަވައެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންގެ ޑިމާންޑްތަކާއެކުވެސް، ރައީސް ސާލިހު މި ބޭބޭފުޅުން މަގާމްތަކުން ދުރަށް ނުލާ ބައިތިއްބަވާފައިވަނީ، ގާސިމް އިބުރާހިމްއާއެކު އޮތް ގުޅުން އެކީ ކެނޑިގެންދިޔަ ނުދިނުމުގެ މަގުސަދުގައެވެ.
ޚާއްސަކޮށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ގާސިމް އިބުރާހިމްގެ މުހިންމުކަން ހަގީގަތުގައިވެސް ރައީސް ސާލިހަށް މުހިންމުވާނެ މިންވަރު ޚުދު ރައީސް ސާލިހަަށް ވަޒަން ކުރެއްވޭތީއެވެ.
އެހެންނަމަވެސް، ފެނިގެން މިދިޔައީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ސާލިހަށް މުހިންމު ކޯލިޝަން ޕާޓްނަރެއް ކަމުގައިވާ ގާސިމް އިބުރާހިމްގެ "ސްޓޭންޑަށް"، އިސްވެ ދެންނެވި ވަޒީރުން ކެބިނެޓްގައި ބައިތިއްބަވައިގެންވެސް އެއްވެސް ބަދަލެއް ނުގެނެވުނު މަންޒަރެވެ. ޚުދު ގާސިމްގެ އަނބިކަނބަލުން، މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށްވެސް، ގާސިމް އިބުރާހިމް "ހިފަހައްޓާ ނުލެވުނު" މަންޒަރެވެ.
ހަމައެއާއެކު ގާސިމް ދުރަށް ނުދާނޭކަމަށް އުއްމީދު ކޮށްގެން ސަރުކާރުން ޖެއްސެވި ހުރިހާ ހިސާބެއްވެސް މިހާރު ފެއިލްވެއްޖެ ކަމުގައިވެސް ގިނަބަޔަކު މިއަދު ދަނީ ސިފަކުރުމުންނެވެ. އޭރުވެސް މިހާރުވެސް ކަށަވަރުވެ ޔަގީންވި އެއްކަމެއްގެ ގޮތުގައި ފެނިގެން މިދިޔައީ ގާސިމްގެ އަމިއްލަފުޅު ވިޔަފާރީގެ މަސްލަހަތާ އަރާހަމަވުމުން، ގާސިމް އަމަލުތައް ހަމަ އެއްބީދައަކުން ހުރި މަންޒަރެވެ.
އެހާލަތުގައި ގާސިމްގެ ތާއީދު ކަށަވަރު ކުރައްވާނޭ ފޯމިއުލާއެއް އެއްވެސް ސަރުކާރަކަށް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.