ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރާނަން: ނާޒިމު

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރާނަން: ނާޒިމު

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2023 11:23
0

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ މައްސަލަ ޝަރުއީ ހުރިހާ މަރުހަލާއަކުން ސާބިތުވެއްޖެނަމަ އެފަދަ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

ނާޒިމުގެ ސަރުކާރެއްގައި ގެންގުޅޭނެ މަސްތުވާތަކެތީގެ ސިޔާސަތުގައި ހިމެނޭ ބައެއް ކަންކަން ހާމަކުރައްވަމުން ނާޒިމު ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އިންޒާރު ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޝަރުއީ މަރުހަލާ އިން ސާބިތުވެއްޖެނަމަ އެފަދަ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރާނަން ކަމަށެވެ.

ނާޒިމު ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމުގައި ގައުމެއް، ނަސްލެއް، ކުލައެއް އަދި އެމީހާގެ ބަލިމަޑުކަމަށް ބެލުމެއް ނެތް ކަމަށެވެ.ނާޒިމް ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންގެ ތެރެއިން ޝަރުއީ މަރުހަލާ އިން ސާބިތުވެއްޖެނަމަ އެފަދަ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށެވެ. އެކަން ކުރުމުގައި ވަކި މީހެއް، ވަކި ގައުމެއް، ކުލައެއް، ނަސްލެއް އަދި އެމީހެއްގެ ބަލި ހާލަތަށް ވެސް ނުބަލާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެކަން އެބޭފުޅުންގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާނެ ކަމަށާއި އެފަދަ ފަރާތްތަކުން ހުއްޓުވޭނީ މަރުގެ އަދަބު ދީގެން ކަމަށެވެ.

އަޅުގަނޑުމެން މިތިބީ ސާބިތުވެ، އިރާދަ ކުރެއްވިއްޔާ ރާއްޖެއަށް ޑްރަގް އެތެރެ ކޮށްގެން ސާބިތުވެއްޖެނަމަ، ވަކި ގައުމެއް ބެލުމެއް ނެތި އެމީހާއަކީ ކޮން ސިފައެއް ހުރި މީހެއްތޯ ނެބެލި ނޫނީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމެއް ނޫނީ އެހެން މީހެއް ކަމެއް ބެލުމެއް ނެތި އެމީހާއަށް މަރުގެ އަދަބު އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ދޭނަން.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ދައްކާ ބައެއް ވާހަކަތަކަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ނާޒިމު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓް ކުރާ މީހުންގެ އަދަދު މަދުކަމަށް ފުލުހުން ބުނާތީ އަޑުއަހާ ކަމަށެވެ. ނަމަވެސް ރިޕޯޓް ކުރާ އަދަދު މަދުވަނީ މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓްކުރަން ދިޔައީމާ ފުލުހުން އަޅާވެސް ނުލައި އެ މައްސަލަ ދޫކޮށްލުން އިތުރުވާތީ ކަމަށް ވިދާޅުވިއެވެ.

ނާޒިމު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޕްރިވެންޝަން ނުވަތަ އެކަމެއްގެ ފެށުން ހޯދައި އެކަމަށް ހައްލާއި ފަރުވާ ހޯދުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން ސްކޫލުތަކުގައި ގޯސްކޮށް އުޅޭ ކުދިން ދެނެގަނެ އެކުދިން އިސްލާހުކުރުމަށް "ފަސްޓް އޮފެންޑާ ޕްރޮގްރާމު"ގެ ނަމުގައި ސްކޫލުތަކަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ހިންގާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ކަމާ ގުޅޭ މާހިރުންނާ ގުޅިގެން ޕްރިވެންޝަން ވަރުގަދަކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ނާޒިމު ވިދާޅުވީ ކުށުގެ މުޖުތަމައު ރަނގަޅުކުރުމަށްޓަކައި ރައީސް މައުމޫންގެ ވެރިކަމުގައި ކުށްކުރާ ކުދިން އިސްލާހުކުރަން ހަދާފައި ހުރި ކަހަަލަ "އިސްލާހިއްޔާ"ތަކެއް ނުވަތަ އެފަދަ މަރުކަޒުތަކެއް ހަދަންޖެހޭ ކަމަށެވެ. ބައެއް މީހުންނަށް އެފަދަ މަރުކަަޒުތަކެއް ހުރުމަކީ ޖޯކެއް ކަމަށްވިޔަސް ކުށްކުރާ ކުދިން އިސްލާހުކޮށްގެން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި އެފަދަ މަރުކަޒުތައް އޭނާގެ ވެރިކަމެއްގައި ހަދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.