މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށާއި، އެހެންނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކިވެ ދިއުމަކީ ހުރިހާ ޕާޓީއަކަށްވެސް ކުރިޔަށް ދިއުމަށް ލިބުނު ފުރުސަތެއް ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ، އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެޕާޓީން ވަކިވެވަޑައިގަތުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ފައްޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ އޭނާގެ އަމިއްލަ ހައިސިއްޔަރުންނާއި އަދި އެމްޑިޕީގެ ނަމުގައިވެސް ނަޝީދަށް ހުރިހާވެސް ކާމިޔާބީއަކަށް އެދިވަޑައިގަންނަވާ ކަމުގައެވެ.
On behalf of MDP and myself I wish President @MohamedNasheed well and success. Whilst this is a sad day, this also paves the way for all parties to move forward in their chosen paths. Thank you for your dedication to MDP and the success achieved under your leadership. https://t.co/1aorSg4yyg
— Fayyaz Ismail (@faya_i) June 21, 2023
ފައްޔާޒުގެ ޓުވީޓުގައި އޭނާވަނީ، އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައިގެން ނަޝީދު އެޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރުވެސް އަދާކުރައްވާފައެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު، އެޕާޓީގެ އެތެރޭގައި އުފެދުނު ފިތުނަވެރިކަމަށް ހައްލެއް ނުހޯދި، ނަޝީދު އެޕާޓީން ވަކިވެޑައިގަތީ މިއަދުއެވެ.
އެމްޑީޕީން ވަކިކޮށްދިނުމަށް އެދި ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާ އެމްޑީޕީގައި މިވަގުތު ހުރުން އެއީ އެންމެ ރަގަޅު ގޮތްކަމަށް ނުދެކޭތީ އެމްޑީޕީން ވަކިވާން ނިންމީ ކަމުގައެވެ.
Miadhu alhugandu MDP in vakivejje in pic.twitter.com/WSRDnCfHBH
— Mohamed Nasheed (@MohamedNasheed) June 21, 2023
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ އެމްޑީޕީ ބައިބައިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި ނަޝީދު އާ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމޮޝަނަށް ހުށަހަޅާފަ ވަނިކޮށެވެ.
މިގޮތުން ނަޝީދަށް ތާއީދުކޮށް، ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރަކުވެސް ވަނީ އެމްޑީޕީން ވަކިވެފައެވެ. އޭގެ އިތުރު 1 މެމްބަރަކު އެމްޑީޕީން ވަނީ ވަކި ކޮށްފައެވެ.
ދަ ޑިކޮކްރެޓްސް ޕާޓީން ބުނެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ކެނޑިޑޭޓަކު ވާދަކުރާނޭ ކަމުގައެވެ. ބެލެވޭ ގޮތުގައި އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ނަޝީދެވެ.