އެމްޑީޕީގައި މިހާތަނަށްވެސް ހުންނެވީ، ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި އެމްޑީޕީގެ އާންމެ މެމްބަރުން އެދޭގޮތަށް އެމްޑީޕީ މިހާރު ޖަހައިގެން އުޅުއްވާ ބޭފުޅުންގެ އަތުން އަތުލުމަށް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އެކީގައިހެން ހުއްޓިފައި އޮންނަތާ ތިން ހަފްތާއެއްހާ ދުވަސް ފަހުން، ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން އެއްފަހަރާ ހުށަހެޅީ މަޖިލިސް ހުއްޓުވުމުގެ ނިޔަތުގައި ކަމަށެވެ.
މިމައްސަލާގައި ނޫސްވެރިންނަށް ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނު އެތައް ދުވަހެއް ވެންދެން އުޅުއްވި އަދި ރައީސްކަން ކުރައްވާ ޕާޓީކަމަށެވެ. ނަމަވެސް އެމްޑީޕީގައި އޮތް ޑިމޮކްރަޓިކް ހަމަތަކާއި، އުސޫލުތައް މުގުރާލައި، މުޅި އެމްޑީޕީގެ ފަލްސަފާ ބޮލާލައި ޖަހާފައިވާކަމަށެވެ.
ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީއެއް ހަދަން އުޅޭ ފަރާތްތަކަށް ހިތްވަރު ދިނުން ނޫން ކަމެއް ދައުލަތުން ކުރުމަކީ އަމަލު ކުރަންވީ ގޮތެއް ނޫން ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއް ހެދުމުގައި ތަރުހީބު ދިނުން ނޫން ކަމެއް ކޮށްގެން ނުވާނެ ކަަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ހާއްސަކޮށް އެމްޑީޕީގެ ވެރިކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމަކީ ވަރަށް ދެރަ ކަމެއް. އަޅުގަނޑު މިކަމާއި ކަންބޮޑުވޭ، އަޅުގަނޑު މިހާރު މި ހުރި ޕާޓީގައި މި އަމަލުތައް ހިންގަވަމުންގެންދަވާ ކަމުގައިވަންޏާ، އަޅުގަނޑަށް ވަރަށް އުނދަގޫ، އަދި ކިތަންމެ ދުވަހެއް ވީނަމަވެސް، އެމްޑީޕީގައި އަޅުގަނޑު ހުންނަން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަ ކުރެއްވީ އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ތެރޭގައިކަމަށެވެ. އެކަން އެންމެ ބޮޑަށް އެނގޭނެ ބޭފުޅަކީވެސް ރައީސް ޞާލިހު ކަމަށެވެ.
އަޅުގަނޑު ރައީސްގެ އަރިހުގައި ދަންނަވަން އޮތީ ހަމަގައިމުވެސް އަޅުގަނޑުގެ މުޅި ހަޔާތް ހޭދަކުރީ އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، އަސާސީ ހައްގުތައް އަޅުގަނޑުމެން ރާއްޖެ އަށް ލިބޭތޯ މަސަައްކަތް ކުރެވޭތޯ.
– ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދަ ޑީމޮކްރެޓްސް އަށް ސިޔާސީ ޕާޓީ ހަދަން ފުރުސަތު ނުދިނުމަކީ ޑިމޮކްރަސީއާއި ބީރައްޓެހި ކަމެއްކަމަށެވެ. ޑިމޮކްރަޓިކާއި ގުޅިފައިނަންތޯ ކުރެވުނު ސުވާލުގައި ނަޝީދު ވިދާޅުވީ އަދި އެފަދަ ނިންމުމެއް ނުނިންމާކަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނަންތޯ ތަކުރާރުކޮށް ކުރެވުނު ސުވާލުގައިވެސް ނަޝީދު ޖަވާދެއް ދީފައި ނުވެއެވެ.