އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގަކީ ވަޒީފާގެ ޒިންމާތައް ތެދުވެރިކަމާއިއެކު އަދާކުރައްވާނެ ބޭފުޅެއް ކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީދު މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މަސައްކަތްކުރައްވަނީ ވަކި ބައެއްގެ ނުފޫޒުގެ ދަށުގައި ކަމަށް އެ ކޮމިޝަންގެ ދެ މެމްބަރަކު ތުހުމަތުކުރައްވުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. މި ތުހުމަތު ފުއާދަށް ކުރެއްވީ ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފެއްދެވުމަށް މަސައްކަތް ކުރާ ދަ ޑިމިކޮރެޓްސް އުފެއްދުމުގެ ހުއްދަ ދޭން ފުއާދާއި، ހަބީބު ތާއީދު ކުރެއްވުމުންނެވެ.
ޑރ،.ޝަހީދު ވިދާޅުވީ ފުއާދަކީ އަދާކުރައްވާ ކޮންމެ ވަޒީފާއެއްވެސް ވަރަށް ތެދުވެރިކަމާއި އަމާނާތް ތެރިކަމާއިއެކު އަދާކުރައްވާ އިހުލާސްތެރި ބޭފުޅެއްކަމަށެވެ. ފުއާދު ދަންނަތާ މިހާރު 50 އަހަރު ވެފައިވާއިރު، މިހާތަނަށްވެސް އަދާކުރެއްވި ކޮންމެ ވަޒީފާއެއްގައިވެ ވަރަށް ޒިންމާދާރު ކަމާއިއެކު މަސައްކަތް ކުރައްވާފައިވާކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
އަޅުގަނޑު ފުއާދު ތަޢުފީގު ދަންނަތާ މިހާރު 50 އަހަރު ވެއްޖެ. ފުއާދަށްވުރެ ވަޒީފާގެ ޒިންމާތައް އިޚުލާސްތެރިކަމާއި ޒިންމާދާރު ކަމާއިއެކީ އަދާކުރައްވަމުން ގެންދަވާ އެހެން ދިވެއްސަކު އަޅުގަނޑު ނުދެކެން.
– ޑރ.ޝަހީދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދީގެން، މިއަދު އެ ހަރަކާތުގެ ބައިވެރިން އިލެކްޝަންސް ކޮމިޝަނަށް ދިއުމުން އީސީގެ މެމްބަރުން ބޭއްވި ބައްދަލުވުމަށް ފަހު ފުއާދު ވިދާޅުވީ އެ ހުއްދަ ދިނުމާ ދެ މެމްބަރަކު ދެކޮޅު ހައްދަވާ ކަމަށެވެ. އެއީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފު ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، ކޮމިޝަންގެ ބައެއް މެމްބަރުން އޭނާ ހުންނެވީ ވަކި ބައެއް ނުފޫޒެއްގެ ތެރޭގައި ތުޙުމަތު ކުރައްވާކަމަށެވެ. ނަމަވެސް ފުއާދުވަނީ ކޮމިޝަންގެ ރައީސްގެ ޙައިސިއްޔަތުން މިހާތަނަށްވެސް އަދި ކުރިއަށް އޮތް ތާނގައިވެސް މަސައްކަތް ކުރައްވާނީ ވަރަށް މިނިވަން ކަމާއިއެކުގައި ކަމަށް ވިދާޅުވެފައެވެ.