އެމްޑީޕީއިން ވަކިވެ، 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ސޮއިކުރި ފަރާތްތަކަކީ ބަތަލުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ 'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް އީސީއަށް ހުށަހެޅުމާއެކު ސޮއިކޮށްފައިތިބި މީހުންގެ ލިސްޓު ރައީސް އޮފީހަށް ލިބިފައިވާ ކަމަށާއި އެހެންކަމުން މިއީ ސަރުކާރުން އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ހޯދިއެއްޗެއް ނޫންކަމަށް ބެލެވެން ނެތްކަމަށެވެ.
އީވާ ވިދާޅުވީ އެ ލިސްޓު ބަލައިގެން ލިސްޓުގައި ތިބި މީހުންނަށް ގުޅާ އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯން ހަމަނުޖެހޭނެ ވާހަކަ، އެސްއެމްއީ ލޯން ހަމަނުޖެހޭނެ ވާހަކަ، ސަރުކާރު ކުންފުންޏެއްގައި އުޅޭނަމަ ވަޒީފާގެ ޕްރޮމޯޝަން ނުދޭނެ ވާހަކަފަދަ ބިރުދެއްކުންތައް ދައްކަމުންދާ ކަމަށެވެ.
އެހެންނަމަވެސް 'ދަ ޑިމޮކްރެޓްސް' އުފައްދަން ސޮއިކޮށް ހުށަހަޅާފައިވާ 3000 ބޭފުޅުންނަކީ މިހާރު ވެރިކަމުގައި ހުންނެވި އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަން ކުރާ ގޮތާއިމެދު ހިތްހަމަނުޖެހި އެ ވެރިކަމުގެ ތެރޭގައިތިބެފައި ނިކުތް ފަރާތްތައްކަން އީވާ ފާހަގަ ކުރެއްވިއެވެ. އަދި އެއީ ރާއްޖޭގައި މިވަގުތުތިބި ހިތްވަރުގަދަ ބަތަލުންކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެމީހުންނަށް ބިރުދައްކައިގެން އެ ސޮއިތައް އަނބުރާގެނެވޭނެ ގޮތެއް ނެހެދޭނެކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ 'ދަ ޑިމޮކްރެޓްސް' އުފައްދަން ސޮއިކުރި ފަރާތްތަކަކީ ބިރު ދެއްކޭނޭ ބައެއް ނޫންކަމަށާއި، އެމީހުންނަކީ އަނެއްކާވެސް ދިވެހިރާއްޖެ ހަމަމަގަށް އަޅުވަން ކެރިގެން ނިކުމެ ސޮއިކޮށްގެން ތިބި ބައެއް ކަމަށެވެ.
"ދަ ޑިމޮކްރެޓްސް" އަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއެކެވެ.