މީގެ ތިން ދުވަސްކުރިން ރާއްޖެ އައި ޕާކިސްތާނުގެ ހަތަރު މީހުންގެ ބަނޑުން 227 ބްލެޓް މަސްތުވާތަކެތި ނަގައިފިއެވެ.
އެ ހަތަރު މީހުން މިހާރު ތިބީ ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެ ހަތަރު މީހުންނަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުންކަމުގެ ތުހުމަތެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ހާޒިރުކުރުމުން އެމީހުންގެ ބަންދަށް އެންމެ ފުރަތަމަ ދީފައިވަނީ ފަސް ދުވަހެވެ.
ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނުގެ ތިން ފިރިހެނުންނާއި އަންހެނެއް ބަލައި ފާސްކޮށްފައިވަނީ އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވެގެންނެވެ. އެގޮތުން އައިޖީއެމްއެޗަށް ގެންގޮސް ސްކޭންކުރިއިރު ބަނޑުގައި ފޮރިން ބޮޑީސް ހުރިކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އެހެންވެ އެތަކެތި ބޭރު ކުރުމަށް އެ މީހުން ދުނިދޫ މެޑިކަލް ކްލިނިކަށް ގެންދިޔައެވެ.
އެމީހުންގެ ހަށިގަނޑުން 227 ބަލެޓް މަސްތުވާތަކެތި ނަގާފައިވާ ކަމަށް ކޯޓު އަމުރުތަކުން އެނގެއެވެ. އެތަކެތީގެ ބަރުދަނުގައި 2.8 ކިލޯ ހުރި ކަމަށް ވެސް ވަނީ ބުނެފައެވެ.
އެގޮތުން އުމުރުން 36 އަހަރުގެ އެއް ފިރިހެނެއްގެ ބަނޑުން 80 ބްލެޓް ނެގިއިރު ހަމަ އެ އުމުރުގެ ދެވަނަ މީހާގެ ބަނޑުން 62 ބްލެޓް ވަނީ ނަގާފައެވެ. އުމުރުން 32 އަހަރުގެ ތިން ވަނަ ފިރިހެން މީހާގެ ބަނޑުން 75 ބަލެޓް ނަގާފައިވާއިރު ހަމަ އެ އުމުރުގެ އަންހެން މީހާގެ ބަނޑުން ވަނީ 10 ބްލެޓް ނަގާފައެވެ.
ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި އެ ހަތަރު މީހުން ވެސް ވަނީ އެ މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިއުތިރާފްވެފައެވެ. އެ މީހުން އިއުތިރާފުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރި ކަމަށެވެ.
ކޮމެންޓު ފޮނުވާ