ޤައިދީން ރިހެބިލިޓޭޓްކޮށް، މުޖުތަމަޢަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކ. މާފުށީ ސްކޫލުގައި "އިންމޭޓް ކްރިއޭޓިވިޓީ ފެއަރ 2023″ ރަސްމީގޮތުން ހުޅުވައިދެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިފެއަރ ހުޅުވައިދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށާއި ޤައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ.
އެގޮތުން ޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް އަމާޒުކޮށް، ހުނަރުތައް ދަސްކޮށްދިނުމާއި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުންފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށްގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ފެއަރގެ މަޤްޞަދަކީ ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ރަނގަޅު ބައެއްގެ ގޮތުގައި ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެތެރެއިން ޤައިދީންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދީ އެ ހުނަރުތައް އާންމުންނަށް ދައްކާލުމެވެ.
މި ޖޫން މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިޔަށްގެންދާ އިންމޭޓް ކުރިއޭޓިވިޓީ ފެއަރގައި ސާޅީހަށްވުރެ ގިނަ ގައިދީން ބައިވެރިވެއެވެ. ފެއަރގައި އަތްތެރި މަސައްކަތްތެރިކަމުގެ 800 އުފެއްދުމަކާއި ކުރެހުންތަކާއި 2400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ބައިވެރިކޮށްފައިވެއެވެ. މިފެއަރ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެއަރގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ.