ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް މިހާރު މިވަނީ އެންމެ 3 މަސް ދުވަހަށް ވެފައެވެ. ރާއްޖޭގެ ހިންގަމުންދާ ހުރިހާ ސިޔާސީ ޕާޓީއެއްހެން ކަހަލަ ގޮތަކަށް ވަނީ އެޕާޓީތަކުން ކުރިޔަށް ދާންވީ ރާސްތާ ކަނޑައަޅާ، އަމާޒުފަތްގަޑަށް ދަތުރު ކުރާން ފަށާފައެވެ.
ބައެއް ސިޔާސީ ޕާޓީތަކުން އެޕާޓީތަކުގެ ކެނޑިޑޭޓުންނާއި ޓިކެޓް ހަވާލުކޮށް، މިހާރުވަނީ ކެމްޕޭން ލޯންޗު ކޮށްފައެވެ. އަނެއްބައި ސިޔާސީ ޕާޓީތަކުން ވަނީ އެހެން ކެނޑިޑޭޓުންނާއެކު ކޯލިޝަން ހަދާ، އެޕާޓީތަކުގެ ޗާޓު ކުރަހާލާފައެވެ. އޭގެ އިތުރަށް ބައެއް ސިޔާސީ ފަރާތްތަކުން ވަނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި އެ ބޭފުޅުންގެ ރިޔާސީ ކެމްޕޭން ލޯންޗު ކޮށްފައެވެ.
އެހެންނަމަވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު "ދޮޅަހަކަށްހާ" ދުވަހަށް ގާތްވެފައިވާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ތެރެއިން އަދިވެސް ފެންނަމުންދަނީ، ވަރަށްވެސް ތަފާތު މަންޒަރެއްކަން ހުރިހާ ވެސްގޮތަކުން މިދަނީ ސިފަވަމުންނެވެ.
މިގޮތުން އެ ޕާޓީއަކީ ރިޔާސީ އިންތިޚާބަށް ދޮޅު އަހަރެއްހާ ދުވަސް ކުރިޔަށް އޮއްވާ، އެންމެ ފުރަތަމަ ރިޔާސީ ކެނޑިޑޭޓަކު އައްޔަންކޮށް، އަދި އެންމެ ފުރަތަމަ ޕާޓީގެ ޓިކެޓްވެސް ހަވާލުކުރި ޕާޓީއަށް ވިނަމަވެސް، އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މިގޮތުން، ޕާޓީގެ ރިޔާސީ ކެނޑިޑޭޓް 11 އަހަރުގެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރައްވަންމުން ގެންދަވަނިކޮށް، ޕާޓީގެ ރިޔާސީ ޓިކެޓުގައި އެ ކެނޑިޑޭޓަށް ވާދަ ކުރެއްވޭނެ ގާނޫނީ އެއްވެސް ހަމައެއް ފެންނާކަށް ނެތެވެ. ބައެއް ފަރާތްތަކުން ސުޕްރީމް ކޯޓުގެ ފައިސަލާ ކުރަނިވި ހުކުމަކުން މެނުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ރައީސް ޔާމިންގެ ކިބައިން ނިގުޅައި ނުގަނެވޭކަމަށް ބުނަމުންދިޔަ ނަމަވެސް، މަތިމައްޗަށް ބޯމަތިވަމުންދާ ހުކުމްތަކާއި، ރިޔާސީ އިންތިޚާބަށް މިހާރު އޮތް މުއްދަތާއި އަދި ސިޔާސީ މަސްރަހު އެމުނި އެތުރިފައިވާ ހަމަތަކަށް ބަލާއިރު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމިނަށް މިހާރު އެކީއެކަށް ގެއްލިގެން ގޮސްފައިވާކަމަށް ގިނަބަޔަކު ވަނީ ގަބޫލުކުރާން ފަށާފައެވެ.
އެހެންނަމަވެސް އިދިކޮޅު ޕީޕީއެމްގެ އެތެރެއިން ފެންމުންދަނީ އަދިވެސް މި ހިސާބުތަކާއި، އޮޔާއި ވަޔާއި، އަދި ޕާޓީގެ އެތައް އިސްފަރާތްތަކާއި، މެމްބަރުންގެވެސް އުދާސްތަކާއި ދެކޮޅަށް "ފަލިޖަހާ" "ބޮއްކުރާ ކަނބަން" އެޕާޓީއަށް މަޖުބޫރުވެފައިވާ މަންޒަރެވެ.
މުޅި ޕާޓީ އެންމެ ފަރުދެއްގެ މުށުތެރޭގައި އޮވެ، އެތައްހާސް މެމްބަރުންނެއްގެ އުންމީދުތައް ވިއްސިވިހާލިވެ، އެހެންނަމަވެސް އެ އުއްމީދުތަކަށް ދިރުމެއް ގެނުވޭތޯ ދޭތެރެ ދޭތެރެއިން ޕާޓީގެ ލީޑަރޝިޕުން ކުރަމުންދާ މަސައްކަތްތަކެވެ.
ކެމްޕޭން ކުރާނެ ކެނޑީޑޭޓަކު ނެތި، ކެމްޕޭން މެނޭޖަރެއް!
އަންނަ ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް އެޕާޓީން ހަމަޖައްސަވާފައިވަނީ، އައިލޭންޑް އޭވިއޭޝަންގައި މަސައްކަތް ކުރެއްވުމަށްފަހު، މިހާރު އެޕާޓީގެ އެކްޓިވިސްޓެއްގެ ގޮތުގައި ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ ކެޕްޓަން މުހައްމަދު އަމީންއެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި އަމީނާއި، ފަތްކޮޅު ހަވާލުކުރެއްވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމެވެ. ކެޕްޓަން އަމީނަކީ ރާއްޖޭގެ މައި އެއާލައިން މޯލްޑިވިއަންގެ އިސްމަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އޭނާ މަގާމުން ވަކިކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.
އަމީން އެމަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށާއި އަލުން އެ ފެންވަރުގެ ވަޒީފާއެއް ނުވަތަ އެ ވަޒީފާއަކަށް އިއާދަކޮށްދޭން ކޯޓުން ފަހުން ހުކުމްވެސް ކޮށްފައި ވެއެވެ. އަމީން ކުރިޔަށް އޮތް ރިޔާސީ ކެމްޕޭންގެ ޕީޕީއެމްގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ހަމަޖައްސަވާފައިވާއިރު، އޭނާގެ ނައިބެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ރައީސް ޔާމިންގެ ދައުރުގައި ހެލްތު މިނިސްޓަރކަން ކުރެއްވި ނާޒިމްއެވެ.

އެހެންނަމަވެސް، މި ދެބޭފުޅުން، ޕީޕީއެމްގެ ރިޔާސީ ކެމްޕޭންގެ މެނޭޖަކަން ހަމަޖެއްސެވި ހިސާބުން ގިނަބަޔަކު އުފައްދާ ސުވާލުތަކެއް އެބަހުއްޓެވެ. އެއީ ޕާޓީއާއި ކުރިޔަށް ވަޑައިގަންނަވާނޭ ރިޔާސީ ކެނޑިޑޭޑަކު ނެތި، ކުއްލި ގޮތަކަށް ކެމްޕޭން މެނޭޖަރުކަމާއި ނާއިބުކަމަށް ދެ ބޭފުޅަކު ހަމަޖެއްސެވި ހަގީގީ ސަބަބުތަކާއި ގުޅޭގޮތުންނެވެ.
ފެންނާން އޮތް ހަގީގަތަކީ، އިދިކޮޅު ކެމްޕޭނަށް ނިކުންނެވޭނެ ހާލަތުގައި ހުންނެވި ރިޔާސީ ކެނޑިޑޭޓަކު އެޕާޓީގައި މިވަގުތަކު ނެތެވެ. ކެމްޕޭން ކުރާނެ ފައިސާއެއްވެސް ޕާޓީގެ ބަޖެޓުގައި ނެތްކަމަށް، "އޮފް ދަ ރެކޯޑު"ގައި ޕާޓީގެ އިސް ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ހަގީގަތަކީވެސް އެއީއެވެ. ޕާޓީގެ ރިޔާސީ ކެމްޕޭނަށް ކެމްޕޭން މެނޭޖަރުން ހަމަޖެއްސެވިއިރު، ރައީސް ޔާމިން ފިޔަވާ އެހެން ކެނޑިޑޭޓަކުން ޕާޓީގެ ފަރާތުން ނިކުތުމަށް ޕާޓީގެ އެތެރޭގައި ޖާގައެއްވެސް ނުމެ ނެތްމެއެވެ. ރައީސް ޔާމިން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން، އަދި މަތިމައްޗަށް އެތައް ހުކުމެއްގެ ރާޅު ބޯމަތިވެފައި އޮތެއްކަމަކު، ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވޭނެކަމުގެ ހުވަފެންތައް ބައެއް ފަރާތްތަކުން އަދިވެސް ގެންދަވަނީ ޚުދު ރައީސް ޔާމިނަށްވެސް ދައްކަވަމުންނެވެ.
ޕާޓީގެ ސެނެޓާއި އާންމު މެމްބަރުންގެ މެދުގައި ޕާޓީގެ ފަރާތުން އެހެން ކެނޑިޑޭޓަކު ނެރުއްވައިގެން ކެމްޕޭން ފެށުމަށް އެތައް ޕްރެޝަރެއް އޮތްނަމަވެސް، އެ ފުރުސަތު ޚުދު ރައީސް ޔާމިންވެސް ދެއްވާކަށް ބޭނުންފުޅު ނުވާކަމަށް ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އެތައް ބޭފުޅުންނެއް ގެންދަވަނީ ވިދާޅުވަމުންނެވެ.
އާންމު މެމްބަރުން ރުއްސުމަށް ކެމްޕޭން މެނޭޖަރަކު އައްޔަން ކުރުން!
އިދިކޮޅު ޕީޕީއެމްގެ ކުރިޔަށް އޮތް ރިޔާސީ ކެމްޕޭނަށް ކެމްޕޭން މެނޭޖަރަކު އައްޔަން ކުރިނަމަވެސް، ކެމްޕޭން މެނޭޖަރަކު ކުރާނޭ މާބޮޑު މަސައްކަތެއް ނެތްކަމަށް ޕާޓީގެ އިސްފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ.
އެކްޓިވިސްޓުން ރުއްސުމަށް ކެމްޕޭން މެނޭޖަރަކު އައްޔަން ކުރިއެއްކަމަކު ކީއްތޯ ކުރާނީ! ޕާޓީގެ ސިޔާސަތު ވިއްކަވާނެ ކެނޑިޑޭޓަކު ނެތް. ފައިސާއެއް ނެތް. އިންތިޚާބަށް ތިން މަހަށް ވެގެން ދާއިރުވެސް، ތަންތަންނަށް ދަތުރުކޮށް، ވަރުގަދަ ކެމްޕޭނެއް ހިންގޭނެ އެއްވެސް މަގެއް އަދި ސާފުކޮށް ފެންނާކަށް ނެތް.
ނަން ނުޖެހުމަށް ޝަރުތުކޮށް އިދިކޮޅު ޕީޕީއެމްގެ އިސްބޭފުޅަކު ވިދާޅުވެފައި ވެއެވެ.
އިދިކޮޅު ޕާޓީގެ އެތެރޭގެ މިވަގުތުގެ ހާލަތަށް ބަލާލުމުން ފެންނާން އޮތް ހަގީގަތަކީވެސް މިއީއެވެ. އެޕާޓީގެ ހަރަކާތްތަކެއް ކުރިޔަކަށް ނުދެއެވެ. ޓީމުތައް ރަށްތަކަށް ދަތުރެއް ނުކުރެއެވެ. ކެނޑިޑޭޓް އޮންނެވީ ޖަލުގައެވެ. ޕާޓީ މިއަދު އިދިކޮޅުގައި އޮތުމުން ފައިސާގެ ތަނަވަސްކަމެއް ނެތްމެއެވެ. އަދި އަމުދުން ރިޔާސީ ޓިކެޓްގައި އެހެން ބޭފުޅަކަށް ނިކުމެވޭނޭ މަގެއް ފެންނާންވެސް ނެތުމުން، ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަހުޖަ

ނުންވެސް ފަސްޖެހިފައި ތިބިކަމަށް ޕާޓީގެ އިސް ފަރާތްތަކުން ވިދާޅުވެއެވެ.
އެހެންކަމުން މިހަގީގަތްތަކާއެކު، ޕާޓީގެ އެކްޓިސްޓުން ރުއްސުމަށް އެކަނި އަމާޒުކޮށް، ޕާޓީގެ ކެމްޕޭން މެނޭޖަރުން އައްޔަން ކުރިއެއްކަމަކު، އިދިކޮޅު މައިޕާޓީގެ މުސްތަގުބަލް ފެންނަމުންދަނީ ހަގީގަތުގައިވެސް ވަރަށްވެސް ބަނަކޮށް ކަމުގައި ދަންނަވާން ޖެހެއެވެ.
ކޮމެންޓު ފޮނުވާ