އޮފީސްތަކުގެ ބައިބަލާ މުބާރާތް، އާރބަންކޯގެ ޓީމްގެ ތައްޔާރީތައް

އޮފީސްތަކުގެ ބައިބަލާ މުބާރާތް، އާރބަންކޯގެ ޓީމްގެ ތައްޔާރީތައް

Author
އަޒްފާ ރަޝީދު
31 މެއި 2023 08:44
0

ބައިބަލާ އެސޯސިއޭޝަނުން ބާއްވާ އިންޓަރ އޮފީސް ބައިބަލާ މުބާރާތައް ގިނަ މިސްޓަރ ބައިބަލާއިންނާއި އެކު އާރބަންކޯގެ ޓީމުން ތައްޔާރުވާން ފަށައިފިއެވެ.

އާރބަންކޯއިން މަޢުލޫމާތުދޭ ގޮތުގައި އާރބަންކޯގެ ޓީމުން ބައިބަލާ މުބާރާތައް ތައްޔާރުވަމުން އަންނަނީ، މީގެ ކުރިން ބައިބަލާ އެސޯސިއޭޝަނުން ބާއްވާފައިވާ މުބާރާތްތަކުގައި ވާދަކޮށް އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ބައިބަލާގެ ނަމުން ނަމަ މިސްޓަރ ބައިބަލާގެ ޝަރަފު ހޯދާފައިވާ ގިނަ ކުޅުންތެރިންތަކަކާއި އެކުގައި ކަމަށެވެ.

އެޓީމުން ބައިވެރިންނާއި އެކު ފަރިތަކުރުންތައް ފަށާފައިވާިއިރު، ޓީމުގެ ކޯޗްކަން ކޮށްދެއްވަނީ ބައިބަލާގެ ތަޖުރިބާކާރު އަލީ ރިޒްވާންއެވެ.

އޮފީސްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިބަލާ މުބާރާތް އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައިކަމަށް ބައިބަލާ އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ. އަދި މިއީ އޮފީސްތަކުގެ މެދުގައި ބޭއްވޭ ފުރަތަމަ ބައިބަލާ މުބާރާތް ވެސް މެއެވެ.

މިއަހަރުގެ ޢީދު ބައިބަލާ މުބާރާތްވެސް ބާއްވާފައިވަނީ ހުޅުމާލޭގައެވެ. އަދި މިކަަމަށްޓަކައި އާރބަންކޯއިން ވަނީ ހުޅުމާލޭގައި އެކަށީގެންވާ ކޯޓެއް ތައްޔާރުކޮށްދީފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.