ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާތަށް އިތުރުވަމުން ދާ ދިއުމާއި ގުޅިގެން އާރބަންކޯއިން މަންސަ ސެޝަންތަކެއް ފަށައިފިއެވެ.
ޖޫން މަހުގެ 2 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މި ސެޝަންތައް ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހިޔާ ފްލެޓްއަށް ޚާއްސކޮށްގެން މަންސަ ސެޝަން ބޭއްވި ނަމަވެސް މި ސެޝަންތަކުގައި ހުޅުމާލޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ބައިވެރިވެވޭނެކަމަށް އާރބަންކޯއިން ބުނެފައިވެއެވެ.
އާރބަންކޯއިން މަޢުލޫމާތުދޭ ގޮތުުގައި މި ފަހަރު މަންސަ ސެޝަންގައިވެސް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ މަންސަ ސެޝަންތަކުގައި އެމްއެންޑީއެފް އަދި އެލައިޑް އިންޝުއަރެންސްއިން ބައިވެރިވާނެއެވެ.
މި ސެޝަންތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ މަޢުލުމާތުތައް ހިއްސާކުރުމުގެ އިތުރުން އެމްއެންޑީއެފްގެ ޕްރެކްޓިކަލް ޓްރެއިނިންގްތަކެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެލައިިޑް އިންޝުއަރެންސްގެ ފަރާތުން އަލިފާނުގެ ހާދިސާތައްކަށްފަހު އިންޝުއަރެންސްއިން ލިބޭނެ އެހީތަކާއި ޙިދުމަތްތަކުގެ މަޢުލޫމާތުވެސް ބައިވެރިންނަށް ދޭނެއެވެ.
މިއަހަރު ބާއްވާ ފުރަތަމަ މަންސަ ސެޝަންގައި ކުޑަކުދިންނަށްވެސް ބައިވެރިވެވޭނެކަަމަށް އާރބަންކޯއިން މަޢުލޫމާތުދެއެވެ.
މަންސަ އަކީ އާރބަންކޯގެ ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްކަމުގައިވާ ހޭޑިފޭޑި ޕްރޮޖެކްޓްގެ ދަށުން 2019 ވަނަ އަހަރު ތަޢާރަފްކޮށްފައިވާ ޓޯކް ޝޯވ ސީރީސްއެކެވެ.
ކޮމެންޓު ފޮނުވާ