2008 ވަނަ އަހަރުގެ އާގާނޫނު އަސާސީއަށްފަހު ތައާރަފްވެގެން އައި މަލްޓީ ޕާޓީ ޑިމޮކްރަސީއަށް ދިވެހިރާއްޖެ އަލިވިލުމަށްފަހު ބަޔަކު މީހުންވަނީ ޑިމޮކްރަސީ ނަމުން މެޑަލްޖަހާ، އެއީ ތިމާމެންގެ މަސައްކަތުން އެކަނި އައި ބޮޑު ބަދަލެއް ގޮތުގައި ސިފަކޮށްފައެވެ.
އަދި އޭރު ރާއްޖޭގައި އޮތް، ރައީސް މައުމޫނުގެ ދިގު ވެރިކަމަށް ނިމުން ގެނައުމަށްޓަކާ، ޑިމޮކްރަސީގެ ނަމުން މެޑަލްޖަހަމުން އައި ފަރާތްތަކުން މަގުމަތީގައި ހިންގި ހަރަކާތްތަކާއި، އެހަރަކާތްތަކަށްފަހު އޭރުގެ ވެރިކަން ބަދަލުވެގެން ދިޔަ ދިއުންވެސް އިސްވެ ދެންނެވުނު ފަރާތްތަކުން ސިފަ ކުރަމުން އައިސްފައިވަނީ ޑިމޮކްރަސީއަށްޓަކާ ކުރި ބޮޑު ޖިހާދެއްގެ ގޮތުގައެވެ.
އެހެންނަމަވެސް، އޭރު ދިވެހި ރައްޔިތުން ބަދަލަކަށް އިންތިހާއަށް ފެންބޮވައިގެންފަ ތިބި ތިބުމާވެސްއެކު، ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑު ދަލުގެ ތެރޭގައި ހިގައިދިޔަ ކަންކަމަށް މިއަދު ފުންކޮށް ވިސްނާ ނަޒަރެއް ހިންގާލާއިރު ފެންނާން އޮތީ ވަރަށްވެސް ތަފާތު މަންޒަރެއް ކަމުގައި ދަންނަވާން ޖެހެއެވެ.
އެއީ، ޑިމޮކްރަސީގެ ނަމުގައި މަގުތައްމައްޗަށް ނުކުތް ފަރާތްތަކުން، "އިސްލާހީ ބަދަލު"ގެ ނަމުގައި ހިންގި މަގުމަތީ ހަރަކާތްތަކެވެ. ނުހަނު ސުލްހަވެރިކަމާއެކު، ރިވެތި ދުރޫސުލް އަޚްލާގެއްގެ މަތީގައި ދެމިތިބި ދިވެހީންގެ އާދަކާދައާއި، އެ ރިވެތި ސަގާފަތު ބަދަލުކޮށް، މުޅި މުޖުތަމަޢުގެ އިޖުތިމާއީ ފޭރާމަށް އެ ހަރަކާތްތަކުން ގެނައި ކިލަނބުކަމާއި ނުރަގަޅު ބަލުތަކެވެ. އަނެއްކުންނަށް ވަގަށް ގޮވުން އާންމުކޮށް، ވެރީންނަށް މައްލަވަކޮށް، ސިފައިންނާއި ފުލުހުންގެ އަބުރު ކަތިލުން އެއީ ޝަރަފެއް ކަމުގައި ބަޔަކު މީހުން ދެކެންފެށީ ޑިމޮކްރަސީގެ ނަމުގައި އޭރު ހިންގި މަގުމަތީ ހަރަކާތްތަކުގެ ތެރެއިންނެވެ.

މިގޮތުން އެ ހަރަކާތްތަކުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި އޭރު ހުންނެވީ ފަހުން ކުޑަ ދުވަސްކޮޅަކަށް ރާއްޖޭގެ ވެރިކަން ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވި، މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އަދިވެސް ގޮވާލައްވަނީ ގެންދަވަނީ، ވަނަމުން މުޚާތަބުކޮށް، އަނެކުންގެ އަބުރު ކަތިލުމަށް!
ދާދިފަހުން ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ކުރީގެ ވެރީންނަށްވެސް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ވަނަމުން ގޮވާ، އެ ވެރީންގެ އަބުރަށްވެސް އަރައިގެންފައިވާ ކަމަށާއި، އެހެންކަމުން މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސަލިހަށްވެސް ވަނަމުން ގޮވާ، އަދި އެމަނިކުފަނުގެ އަބުރުވެސް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ކަތިލުމުގެ ހައްގު އޮންނާން ޖެހޭނެ ކަމުގައެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، ރައީސް ސާލިހަށް ނިސްބަތްކޮށް ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ވަނަމުން ގޮވާ ގޮވުން ހުއްޓުވަން މަސައްކަތް ކޮށްފިނަމަ އެއީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމަށާއި، އެކަން އެބީދައިން ކޮށްފިނަމަ އެއީ ފަހަތަށް އެޅިގެންދާ ފިޔަވަޅެއް ކަމުގައެވެސްމެއެވެ.
ހަމަ އެއާއެކު، ނަޝީދު ވާހަކައަށް ތާއީދުކޮށް، ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސާ އީވާ ވިދާޅުވެފައިވަނީ، ރައީސް މައުމޫނަށް އޭރު ވަނަމުން ގޮވީ ސިޔާސީ އުކުޅެއްގެ ގޮތުގައި ކަމަށާއި، އޭގެ ސަބަބުން "ސެހެންޝާހެއް" ފަދަ ވެރިކަމެއް ވެއްޓިގެން ދިޔަ ކަމުގައެވެ.
މިއީ ދިވެހިރާއްޖޭގެ އޮންނާންޖެހޭ ޑިމޮކްރަސީގެ ސިފަތަކާއި އަސާސްތައް، ލައިވް ޓީވީގައި، ދިވެހިރާއްޖޭގެ އަންނަން އޮތް ޖީލުތަކަށް، ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރިޔާސަތުން ސިފަ ކޮށްދެއްވި ގޮތެވެ. ޅަދަރިންނާއި ޒުވާނުންނަށް މިހާރުގެ ރައްޔިތުންގެ މަޖިލިހުން ދަސްކޮށްދޭން ބޭނުންވާ ޑިމޮރަސީއެވެ.
ނަޝީދު ވިދާޅުވާ ގޮތުން ދިވެހިރާއްޖެއަށް އައިސްފައި މިއަދު މިއޮތް ޑިމޮކްރަސީގެ ހަގީގީ ދިރުމަކީ ވެރީންނަށް ހުތުރުކަން ބޮޑުހާ ނަންތަކުން މުޚާތަބުކޮށް، ވެރީންގެ އަބުރު ކަތިލުމެވެ. މައްލަވަ ކުރުމެވެ. އަދި ޓީވީތަކުންވެސް އެއާދަ ދިރުވާ އާލާ ކުރުމަކީ ރާއްޖޭގައި އޮންނާވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހަގީގީ އަސާސްކަމުގައި ދެކެވަޑައިގެން މަޖިލިސް ނައިބުރައީސް އީވާ ވަނީ އެއީ ދިރުވާ އާލާކުރަންޖެހޭ ސަގާފަތެއްކަމަށް ވިދާޅުވެ، މަޖިލިސް ފްލޯގައި ވާހަކަ ދައްކަވާފައެވެ.

ކޮންމެއަކަސް، ވަނަމުން ގޮވުމާއި އަބުރު ކަތިލުން ހުއްޓުވުމަކަށް މިއަދު ގެނެސްފިނަމަ، އެއީ އާ ގާނޫނު އަސާސީން ގެނެސްދިން ޑިމޮކްރަޓިކް އަސާސްތައް މުގުރާލުން ކަމުގައި ސިފަކޮށް، ނަޝީދުގެ ފިކުރަށް ތާއީދުކުރާ ފަރާތްތަކުން، މިއަދު ވާހަކަ ދައްކަވަމުން ގެންދަވަނީ މާޒީވެދިޔަ ތަނުގައި އެސަގާފަތް ދިރުވާ އާލާކުރުމަށް، އެވެރިން ކޮށްފައިވާ މަސައްކަތްތަކަކީ މިއަދު ފަޚުރެއް ކަމުގައިވެސް ދެކެމުންނެވެ.
އާދޭހެވެ. ޒަމާނުއްސުރެ ދިވެހިން ބަލައިގެންފަ އޮތް ރިވެތި އާދަތަކާއި، ދީނީ އެތަކެއް އުސޫލުތަކެއް، ނަޝީދުގެ ޑިކޮމްރަސީގެ މި އަސާސަތައް ގަބޫލުކޮށް ނުކުތް އެތައް ބަޔަކު ވަނީ މުގުރާލާފައެވެ. އެހެންނަމަވެސް، ފެންނާން އޮތް ހަގީގަތަކީ ކޮބައިތޯއެވެ. ޑިމޮކްރަސީގެ ނަމުގައި، މީހުންގެ މޫނަށް ކުޅު ޖެހުމާއި، އަނެއްކުންގެ ގަޔަށް ބޮލަށް އަރައި ގަތުމާއި، ލާދީނި އެތައް ކަމެއް މިވެރިން ތައާރަފް ކުރި ކުރުމުގެ ޝިކާރައަކަށް ޚުދު މިވެރިން މިއަދު ވެގެން ގޮސްފައިވާކަމެވެ.
ތިމާމެން ދިރުވާ އާލާކުރި ސަގާފާތުގެ ޝިކާރައަކަށް ތިމާމެން!
އެއްވެސް ޝައްކެއް ނެތްގޮތުގައި، ޑިމޮކްރަސީގެ ނަމުގައި، ދިވެހިން ދުވަހަކު ނުދެކޭވަރުގެ ހުތުރުކަންބޮޑު އާދަތައް މިމުޖުތަމައުގެ ތެރެއަށް ތައާރަފްކޮށް، އެއީ ޑިމޮކްރަސީގެ އުކުޅެއް ކަމުގައި ދެކުނު ފަރާތްތަކުން މިއަދު އެތިބީ ޚުދު އެ އާދަތަކުގެ ޝިކާރައަކަށް ވެފައެވެ.
ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރިކަމަށް ފާއިތުވި 15 އަހަރު މެޑަލް ޖައްސަވަމުން ގެންދެވި ފަރާތްތަކުން މިއަދު އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވަނީއެވެ. އެއްބަޔަކު އަނެއްބައެއް ބޮލުގައި ކޮރަޕްޝާނާއި، ފަސާދައާއި، ވައްކަމާއި ޒިނޭގެ ތުހުމަތުވެސް އަޅުވަމުން ދަނީއެވެ. މާރާމާރީވެސް ހިންގަނީއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށްވުރެ އެ މަގުން ކުރިއަރާ ދެވޭތޯ ގަދައަޅާ މަސައްކަތްވެސް ކުރަމުން ދަނީއެވެ.

އެހެންނަމަވެސް، މިއަދު ފެންނާން އޮތް މަންޒަރަކީ ކޮބައިތޯއެވެ. މިއީ ޑިމޮކްރަސީގެ ރިވެތި އާދަތައް ކަމުގައި ދެކިގެން، އެއީ ފަޚުރަކަށް ހަދާ، އެ މަގުން ފާއިތުވި 15 ވަރަކަށް އަހަރުތެރޭ ނަޝީދު ކުރެއްވިހާ މަސައްކަތެއް ދިވެހި ރައްޔިތުން ބަލައި ނުގަތްތަނެވެ. އެ އުސޫލުތައް ކުރިއަރުވަން ތިމާގެ ގާތުގައި ދެމިތިބި އެތައް ބަޔަކަށް މިއަދު ހަގީގަތް ސާފުވެ، ނަޝީދުއާ ދުރަށް ދިޔަ ތަނެވެ. އަމިއްލަފުޅު ޕާޓީ އަތުން ބީވެ، ނަޝީދުގެ އިސްވެ ދެންނެވުނު ފިކުރު، ސަފުން ބާކީވެ ދިޔަ ދިއުމުގެ ހަގީގީ ސަބަބަކީވެސް އެއީއެވެ.
ނަޝީދުގެ އަބުރު ކަތިލާ ޑިމޮކްރަސީ ދިވެހިން ދުވަހަކުވެސް ބަލައި ނުގަންނާނޭކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ކޮމެންޓު ފޮނުވާ