މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ރަޝިޔާއިން ފަތުރުވެރިން ޒިޔާރަތްކޮފައިވާއިރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
ރަޝިޔާއިން ރާއްޖެއަށް 91,587 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އިންޑިއާއިން ރާއްޖެއަށް 89,619 ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 71,359 ފަތުރުވެރިންނެވެ.
މި ލިސްޓުގެ ހަތަރު ވަނައިގައި އިލަޓީވިލާތް އޮތް އިރު ފަސް ވަނައިގައި އޮތީ ޖަރުމަނުވިލާތެވެ.
ލިސްޓްގެ ހަވަނައިގައި ޗައިނާ އޮތް އިރު، މި މެއިމަހުގެ 24 ވަނަދުވަހުގެ ނިޔަލަށް ޗައިނާވަނީ 5.5 އިންސައްތަ ޙިއްސާއާއެކު ރާއްޖެއަށް ޒިޔާރަތްކުރާ 6 ވަނައަށް އެންމެ ބޮޑު މާކެޓަށް ވެފައެވެ.
އަހަރުގެ މިހާތަނަށް 780 ހާސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި މިމެއި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 782،889 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.6 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މޭމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް ކޯވިޑްގެ ކުރިން 2019 ވަނަ އަހަރާއި އަޅާބަލާއިރު ވަނީ ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 81،889 ފަތުރުވެރިންނެވެ. އެހެންކަމުން 2019 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު 12،715 ފަތުރުވެރިން ވަނީ އިތުރުވެފައެވެ.
2022 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެ އަދަދުތައް ހުރީ 10 ނުވަތަ 30 އިންސައްތަ މަތީގައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވަރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ. ރާއްޖެއިން މިއަހަރަށް ފަތުރުވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ.