ދިވެހި ފަސްގަޑު ދެކެ އޭނާއަށްވުރެ ބޮޑަށް ލޯބިވާ ދެވަނަ އެހެން ފަރުދަކު ނުހުނާނެކަމަށާއި، މުޅި ހިތާއި ފުރާނަވެސް ދިވެހިރާއްޖެއަށްޓަކާ ދިނުމަށް ތައްޔާރަށް ހުންނެވި ކަމުގައި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް މިރޭ އާޓިފިޝަލް ބީޒު ސަރަހައްދުގައި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާ ސިފައިންގެ ޚިދުމަތުގައި ހުންނަވަނިކޮށް ބޭއިންސާފުން ވަޒިފާއިން ވަކި ކުރިކަމަށާއި، އަދި އޭނާއަކީ މަގާމުގައި ހުއްޓާ ބޭއިންސާފުން ޖަލަށްލެވުނު ވަޒީރެއްކަމުގައިވެސްމެއެވެ.
އެހެންނަމަވެސް ގައުމީ ޚިދުމަތަށް އަނެއްކާވެސް ނިކުމެ ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށް ވިދާޅުވަމުން ނާޒިމް ވިދާޅުވީ އަދިވެސް ހުންނެވީ އުމުރުން އެންމެ 19 އަހަރުގައި ގައުމީ ޚިދުމަތަށް ނުކުމެއް ކުރެއްވި ހުވާ މަތީގައި ކަމުގައެވެ.
އެހެންކަމުން ޝިންޒޯ އަބޭ (ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު) ވިދާޅުވިހެން އަޅުގަޑު މިހުރީ އަޅުގަޑުގެ މުޅި ހިތާއި ފުރާނަ ދިވެހިރާއްޖެއަށް ދިނުމަށް ތައްޔާރަށް.
ޖަޕާނުގެ އަވަހާރަ ކޮށްލެވުނު ބޮޑުވަޒީރު ޝިންޒޯ އަބޭގެ ބަސްކޮޅެއް ނަކަލް ކުރައްވަމުން ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ވާހަކަފުޅުގައި އޭނާ ވިދާޅުވީ ދިވެހިންނަށް ކުރެވޭނެ ކަމަށާއި، ދިވެހިންނަށް ވާނެ ކަމަށާއި، ދިވެހިންގެ ހުވަފެނުގައި އެންމެ ފުރިހަމަޔަށް ކުލަ ޖެއްސޭނެ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ދިވެހި ގައުމަށް ބޭނުންވަނީ ދިވެހި ހައްލު ކަމަށާއި، ބޭނުންވަނީ ދިވެހި ގައުމުގެ ހުންގާނު ދިވެހިންގެ އަތަށް ނެގޭނެ ތެދުވެރި ލަޝްކަރެއް ކަމުގައެވެ.
ބޮޑު ތަކުރުފާނާއި ދޮންބަންޑާރައިންގެ ޖިހާދަށް އަޅުގަޑުމެންނަަށް ފުރިހަމަ ޝުކުރެއް ދެންނެވެނީ ދަންނަވަންތޯ އެދުވަހު. ޝަހީދު އަލިރަސްގެފާނާއި، ޝަހީދު ހުސެއިން އާދަމްގެ ފުރާނައިގެ އަގު އަދާކުރެވޭނީ ހަމަ އެދުވަހު. މަރުހޫމް އިބުރާހިމް ނާސިރާއި އޭނާގެ އަރިހުގައި މަސައްކަތް ކުރެއްވި ތެދުވެރި ދިވެހި ދަރިންގެ ވަސިއްޔަތަކީވެސް ދަންނަވަންތޯ މިއީ.
ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ގައުމަށް ހެޔޮ ބަދަލު ގެންނަން ބޭނުންވާނަމަ އެބަދަލު އެހެން މީހަކު ގެންނާނެކަމަށް، ނުވަތަ އެހެން ވަގުތެއް އަންނާނެ ކަމަށް ތިބެގެން ގައުމަށް ހެޔޮ ބަދަލު ނާންނާނެ ކަމުގައެވެ. އަދި މިއީ ދިވެހި ގައުމަށް ބަދަލު ގެންނާންވީ ވަގުތުކަމަށް ވިދާޅުވަމުން ނާޒިމް ވިދާޅުވީ ބޭރުގެ ނުފޫޒުތައް ބޭރުކޮށް ދިވެހި ގައުމު ދިވެހިންގެ އަތްމައްޗަށް ގެންނާންވީ ވަގުތަކީ މިއީކަމުގައިވެސް މިއީ ކަމުގައެވެ.
މިރޭގެ ޖަލްސާގައި އެމްއެންޕީގެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓްވަނީ ނާޒިމްއާއި ހަވާލު ކޮށްފައެވެ. އަދި ނާޒިމްގެ "އުޖާލާ ޒަމާން" ރިޔާސީ އިންތިޚާބުވެސް މިރޭވަނީ އިފްތިތާހު ކޮށްފައެވެ.
މިރޭ ނާޒިމްއާއި އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމަށްފަހު، ވަނީ ނާޒިމްގެ ކެމްޕޭން ޝިއާރު "އުޖާލާ ޒަމާން" އިއުލާންކޮށް، އަދި ކެމްޕޭންގެ ރަސްމީ ލަވަވެސް ވަނީ އާންމު ކޮށްފައެވެ. ރިޔާސީ ޓިކެޓްގެ ގޮތުގައި ނާޒިމްއާއި ހަވާލު ކޮށްފައިވަނީ އައްޑަނައެކެވެ.
ކޮމެންޓު ފޮނުވާ