ރިޔާސީ ޓިކެޓް ހަވާލުކޮށް، ނާޒިމްގެ "އުޖާލާ ޒަމާން" ކެމްޕޭން އިފްތިތާހު ކޮށްފި

ރިޔާސީ ޓިކެޓް ހަވާލުކޮށް، ނާޒިމްގެ "އުޖާލާ ޒަމާން" ކެމްޕޭން އިފްތިތާހު ކޮށްފި

Author
ހުސެއިން
26 މެއި 2023 09:48
0

އެމްއެންޕީގެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރައީސް ކާނަލް ނާޒިމްއާއި އެމްއެންޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށް، ނާޒިމްގެ "އުޖާލާ ޒަމާން" ރިޔާސީ އިންތިޚާބު އިފްތިތާހު ކޮށްފިއެވެ.

މިރޭ ނާޒިމްއާއި އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމަށްފަހު، މިރޭވަނީ ނާޒިމްގެ ކެމްޕޭން ޝިއާރު އިއުލާންކޮށް، އަދި ކެމްޕޭންގެ ރަސްމީ ލަވަވެސް ވަނީ އާންމު ކޮށްފައެވެ. ރިޔަސީ ޓިކެޓްގެ ގޮތުގައި ނާޒިމްއާއި ހަވާލު ކޮށްފައިވަނީ އައްޑަނައެކެވެ.

އެމްއެންޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއެކު، އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިޔަށް ދާ ޖަލްސާގައި ޓިކެޓާއި ހަވާލުވުމަށްފަހު ނާޒިމްވަނީ ޕާޓީގެ މެމްބަރުންނާ މުޚާތަބްކޮށް ވާހަކަ ދައްކަވާފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ޖަލްސާއަށް މަންމާފުޅު ހާޒިރުވެ އިންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި، ޕައްބަ ދުނިޔޭގެ ނެތްނަމަވެސް ބައްޕަގެ ރުހުން އޮތްކަން އެނގިވަޑައިގެން ހުންނެވި ކަމުގައެވެ. އަދި ނާޒިމްވަނީ ބައްޕާފުޅުގެ ފުރާނަފުޅަށް ރަހްމަތް ލެއްވުން އެދި ދުއާ ކުރައްވާފައެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގެ ރައީސްކަމަށް ވާދަ ކުރައްވާއިރު އަދިވެސް އޭނާ ދެމިހުންނެވީ ރާއްޖޭގެ ދިފާއީ ބާރުގައި ޚިދުމަތް ކުރެއްވުމަށް އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވިއިރު ކުރެއްވި ހުވާގެ މަތީގައި ކަމުގައެވެ. އަދި ގައުމު އޮޔާ ދާތަން ބައްލަވަން ހުންނެވުމަކީ ޒަމީރު ގަބޫލުކުރާކަމެއް ނޫންކަމުގައި ވިދާޅުވަމުން ނާޒިމް ވިދާޅުވީ، ގައުމުގެ މާޒީގެ ބަތަލުން ވީ ޖިހާދުގެ މަތިން ހަނދާން ނައްތާ ނުލެވޭނެ ކަމުގައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިންސާފެއް ނެތްކަމަށާއި، ސަރުކާރުން ބޮޑެތި ކުށްވެރިން ދޫކުރަމުންދާ ކަމުގައެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ވިދާޅުވެ، މަރުގެ އަދަބު ރާއްޖޭގައި ތަންފީޒު ކުރުމަށް ނާޒިމް ގޮވާލެއްވިއެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގަތުމަށްފަހު އެޕާޓީގެ އާންމު މެމްބަރުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގައުމުގެ އިގްތިސާދު އޮތީ އަރިއަޅާފާއިކަމަށާއި، ކޮރަޕްޝަނާއި ފަސާދަ އާންމުވެފައިވާ ކަމުގައެވެ. އަދި ދިވެހި ރާއްޖޭގެ މަސްލަހަތުގެ ތެރެއަށް ބޭރު މީހުން ވަދެގެން އުޅެނީ ދިވެހިން އެފުރުސަތު ބޭރުމީހުންނަށް ދިނުމުން ކަމުގައެވެ.

އެެހެންކަމުން މިއަދު ދިވެހިން އަމިއްލަ އިސްކޮޅަށް ތެދުވާން ޖެހިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ނާޒިމް ވަނީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފް ކުރުމަށްފަހު ފާއިތުވީ 15 އަހަރު ތެރޭގައި ކުރި އުއްމީދުތައް ހާސިލްވެފައި ނުވާކަމުގައެވެ. ޖީބުތައް ތަނަވަސް ނުވި ކަމަށާއި، ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލުތައް އައިސްފައި ނުވާކަމުގައި ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން، ޕާޓީތަކުގެ ކުލަތައް ދޫކޮށް، ގައުމީ ކުލައެއްގައި، ގައުމީ ވިސްނުމުގައި، ހެޔޮ ބަދަލު ގެނައުމަށް ނިކުންނެވުމަށް ނާޒިމް ގޮވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.