ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލާގައި 2 މީހަކު ހައްޔަރު ކޮށްފިއެވެ.
ޕޮލިސް މޮކިޝަނަރ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ނ.މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން ކަމަށާއި، މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމުގައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން ދާކަމުގައެވެ.
ނައީމާ އަކީ މުޅިން ވަކިން ވަކި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެކެވެ. އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެއެވެ.
ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ