ނަޝީދު ވާދަވެރިންނަށް: މަޖިލީހުގެ ރައީސްކަމުން ވަކި ނުކުރެވޭނެ

ނަޝީދު ވާދަވެރިންނަށް: މަޖިލީހުގެ ރައީސްކަމުން ވަކި ނުކުރެވޭނެ

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް، މުހައްމަދު ނަޝީދު ވާދަވެރިންނަށް ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ މަޖިލީހަށް ވައްދާފަ އެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ 50 މެމްބަރުންގެ ސޮޔާއެކު އެވެ. އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ނިންމީ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ފެއްޓެވުމުންނެވެ.

އީވާގެ މައްސަލަ މަޖިލީހަށް ވެއްދުމުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި ނަޝީދާއި އެ ޕާޓީގެ މެމްބަރުންތަކެއް ވަނީ ހޫނު ބަހުސެއް ކުރައްވާފަ އެވެ.

އެގޮތުން އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ނިސްބަތް ކުރައްވާ "ތިޔަ ކުރައްވާ ކަންކަން ހަނދާނުގައި ބަހައްޓާތި، ދޭލިޔާގޭ މުހައްމަދުބެގެ ދަރި ތިޔަ އެއްލައިލަނީ." ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ. އޭގެ ރައްދުގައި ނިޔާޒު ވަނީ އެއީ ނިންމަން އުނދަގޫ ނިންމުމެއް ނަމަވެސް މިވަގުތު އެ ނިންމުން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ދެން ފޮނުއްވި މެސެޖެއްގައި ވަނީ ރައީސް ޞާލިހަށް ވެރިކަން ގެއްލުމުން ނިޔާޒުގެ އެންމެ ކައިރީގައި ހުންނަވާނީ އެމަނިކުފާނު ކަމަށް ވިދާޅުވެފަ އެވެ. އަދި ހަ ވަރަކަށް މެމްބަރުން ރައީސް ޞާލިހަށް ބިރު ދައްކައިގެން ކަންކަން ކުރަމުންދާ ކަމަށްވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ. ނަޝީދުގެ އެ ތުހުމަތާއެކު އެ ގްރޫޕް ހޫނުވެ ބައެއް މެމްބަރުން ވަނީ ނަޝީދު "މޮޔަވެއްޖެ" ކަމަށާއި ނަޝީދު މުޅި ގައުމު ފިތުނަކޮށްފި ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސްކަމުން ދުރުކުރުން އަވަސް ކުރަން ގޮވާލައިފަ އެވެ.

މެމްބަރުންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވަނީ މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވިދާނެ އެވެ. މެމްބަރުންގެ އަދަދަކީ 87 އެވެ. އީވާ ވަކި ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ