ރައްޔިތުންނާ ގުޅުންހުރި މައްސަލައަކަށް ބަހުސްކޮށް ހައްލު ހޯދުމުގެ ހިއްވަރު ސަރުކާރުގައި ނެތްކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރިއަލް އެސްޓޭޓް އުސޫލުން ފްލެޓް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށް ފަހު އިމާރާތްކޮށް ނިންމުން ލަސްކުރުމާއި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެފައި ވާތީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނަން އެމްއެންޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގައެވެ.
ތިމަރަފުށި ދާއިރާގެ އެމްއެންޕީ މެމްބަރު ރިޔާޒް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ ތެރެއިން 26 މެމްބަރަކު ވޯޓް ދެއްވީ އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެމްބަރެކެވެ.
މިމައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި ނާޒިމް ވިދާޅުވީ ރައްޔިތުންނާއި ގުޅުން އޮތް މިފަދަ ސީރިއަސް މައްސަލައެއްގައި ބަހުސް ކޮށްލާނެ ހިތްވަރުވެސް ނެތުމަކީ ސަރުކާރުގެ އިހުލާސްތެރިކަން ނެތްކަން ހާމަވާ ކަމެއްކަމަށެވެ.
ފްލެޓް ދޭނެކަމަށްބުނެ މަކަރާއިހީލަތުން ފައިސާ ނަގަމުންދާ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މިމައްސަލަ ބޭރުކޮށްލުމުން އެނގިގެންދަނީ ރައްޔިތުންނާ ގުޅިފައިވާ ބޮޑު މައްސަލައަކަށް ބަހުސްކޮށް ހައްލު ހޯދުމުގެ ހިއްވަރު ސަރުކާރުގެ ނެތްކަން.
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ އިތުރުން އެމްއެންޕީގެ މަޖިލިސް މެމްބަރު އުޝާމް ވިދާޅުވީ އެތައް ބައެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން ސަރުކާރަށް ތާއީދު ކުރާ މެމްބަރުން އެމައްސަލަ އަށް ބަހުސް ކުރައްވަން ޖާގަ ނުދެއްވުމަކީ ވަރަށް ދެރަވަރު ކަމެއްކަމަށެވެ.
އެތައް ބައިވަރު ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ މިފަދަ މުހިންމު މައްސަލައެއް ބަހުސްނުކޮށް ބޭރުކޮށްލުމުން އެނގިގެންދަނީ މިއަދުގެ ސަރުކާރަށް މުހިންމުވަނީ ރައްޔިތުންގެ ހައްގުތައް ނޫންކަން. އެނގިގެންދަނީ ސަރުކާރަށް މުހިންމީ ކޮރަޕްޓް ވިޔަފާރިވެރިން ހިމާޔަތްކުރުންކަން.
– އުޝާމް ވިދާޅުވިއެވެ.
ފްލެޓް ވިއްކުމުގެ ނަމުގައި ބައެއް ކުންފުނިތަކުން ނެގުމުގެ ސަބަބުން ބަންދުވެފައިވާ ފައިސާ އަކީ ރިޔާޒް ވިދާޅުވި ގޮތުގައި ބައެއް މީހުން އުމުރު ދުވަހު ކުރި މަސައްކަތުން އެއްކޮށްފައިވާ ފައިސާއެވެ. އެގޮތަށް ދައްކާފައިވާ ފައިސާގެ ތެރޭގައި މީހުން ބޮޑެތި ލޯނުތައް ނަގައިގެން ދެއްކި ފައިސާ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވިޔަފާރި އުސޫލުން ފްލެޓް ވިއްކަން ހުޅުމާލޭގައި އަޅާ ބަައެއް އިމާރާތްތަކުން އެއް ފްލެޓެއް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ފައިސާ ނެގި ކަަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން މިހާރު ވެސް އަންނަނީ ބަލަމުންނެވެ.