ރައީސް މައުމޫންގެ ޚާރިޖީ ތަޖުރިބާ ފޮރިން މިނިސްޓްރީގެ އިސްވެރިންނަށް، ޝާހިދުގެ ޝުކުރު!

ރައީސް މައުމޫންގެ ޚާރިޖީ ތަޖުރިބާ ފޮރިން މިނިސްޓްރީގެ އިސްވެރިންނަށް، ޝާހިދުގެ ޝުކުރު!

Author
މުޙައްމަދު ޝަޒައިމް
21 މެއި 2023 10:17
0

ރާއްޖޭގެ އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސް މައުމޫންގެ ޚާރިޖީ ތަޖުރިބާއާއި، ތޫނު ވިސްނުން އެމަނިކުފާނު މިއަދު ޚާރިޖީ ދާއިރާގެ އިސްވެރިންނާއި ހިއްސާ ކުރައްވައިފިއެވެ.

މަރުހޫމާ އާބިދާ އަހްމަދުގެ ހަނދާނުގައި ފޮރިން މިނިސްޓްރީގައި ހުޅުވި ތަޢުޒިޔާގެ ތަފްތަރުގައި ސޮއި ކުރެއްވުމަށްފަހު ރައީސް މައުމޫން ވަނީ ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތާއި، އަދި ރާއްޖޭގެ ޒަމާންވީ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލި އަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް މައުމޫނާއި ގިނަ ދުވަސްތަކަކަށްފަހު، ޚާރިޖީ ދާއިރާގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުވުމުން އެމަނިކުފާނު ވަނީ ޚާރިޖީ ދާއިރާގައި އެމަނިކުފާނަށް ލިބިވަދައިގެންފައިވާ ތަޖުރިބާ ހިއްސާ ކުރައްވާފައެވެ. ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސް މައުމޫން އެދިވަޑައިގެންނެވި ފަދައިން ޤައުމަށް ޚިދުމަތް ކުރުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތުގައި ސާބިތު ކަމާއިއެކު ދެމި ހުންނަވާނެކަމަށެވެ.

ރައީސް މައުމޫނުގެ ތޫނު ވިސްނުންފުޅުތަކާއި، މުހިންމު ތަޖުރިބާ މިނިސްޓްރީގެ އިސް ވެރިންނާ ހިއްސާ ކުރެއްވި ކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި މިނިސްޓްރީގެ އެންމެހައި މުވައްޒަފުން، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި ވިދާޅުވި ހެޔޮ ބަސްފުޅަށްވެސް އެންމެހައި މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވަން. ރައްޔިތުންނާއި ޤައުމަށްޓަކައި ކުރަމުންމިދާ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަރުވަން.

– ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެންމެ ބެލެންސްކޮށް، ގެންގުޅުއްވި ވެރިޔަކީ ރައީސް މައުމޫންކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ގެންގުޅުއްވި ޚާރިޖީ ސިޔާސަތަކީ ދުނިޔޭގެ ހުރިހާ ޤައުމަކާއިވެސް ގުޅިގެން މަސައްކަތް ކުރުމުގެ ސިޔާސަތެކެވެ.

އެމަނިކުފާނުގެ ވެރިކަމަށްފަހު ރާއްޖޭގައި އުފެދިގެން އައި މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން އުފެދުނު ވެރިކަން ތަކުގައި މި ސިޔާސަތު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. ކޮންމެ ސަރުކާރަކުން ޚާރިޖީ ސިޔާސަތު ބަދަލުކޮށް، ވަކި ޤައުމުތަކާއި ގާތްގުޅުން ބާއްވައި ޚާރިޖީ ގޮތުން އޮތް ހަމަހަމަކަން ވަނީ ގެއްލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.