އެތެރޭގެ ކޯޅުންބޮޑުވެ މިހާރު ދެބައިވެފައިވާ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވަކިވި އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަން "ފިކުރެއްގެ ދިރުން"އިން އުފައްދާ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެކަމަށް ފިކުރެއްގެ ދިރުމުން ބުނެފިއެވެ.
ފިކުރެއްގެ ދިރުމުން ބުނީ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މިއަދު ރަސްމީކޮށް އީސީއަށް ހުށަހަޅާނެކަމަށާ، އެއާއު ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެކަމަށެވެ. އަދި އައު ޕާޓީ ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެބޮޑު އެއް ޕާޓީއަށްކަމަށާ، ދާދި އަވަހަށް ޕާޓީ އުފެދި ޕާޓީގެ ސިޔާސީ ޙަރަކާތްތައް ފެށީގެންދާނެކަމަށް އެފަރާތުން ބުނެއެވެ. އަދި އަންނަ ރިޔާސީ އިންތިޚާބަށް އެޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެކަމަށްވެސް ފިކުރެއްގެ ދިރުމުން ބުނެއެވެ. އައު ޕާޓީއަށް ނަމަކާއި ކުލައެއް ހުށަހަޅަން މިހާރު އެ ޙަރަކާތުން ވަނީ ހުޅުވާލާފައެވެ.
އެންމެފަނުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާއެކު ޕާޓީއާ މުޅިންވަކިން ނަޝީދު ހިންގަވަމުން ގެންދިޔަ ސިޔާސީ ޙަރަކާތް "ފިކުރެއްގެ ދިރުން" މިހާރުވަނީ މުޅިން އެޕާޓީއާ ވަކިވެ ވަކި ޙަރަކާތަކަށް ވެފައެވެ. ފިކުރެއްގެ ދިރުން މިނަމަކީ ނަޝީދުގެ ޕްރައިމެރީ ޝިއާރެއްގެގޮތުގައި ބޭނުންކުރަން ފެށި ނަމެކެވެ. ނާކާމިޔާބީއަށްފަހުވެސް މިނަމުގައި ގެންދެވީ ދެކޮޅުވެރިކަމުގެ ޙަރަކާތް ހިންގަވަމުންނެވެ. އެންމެފަހުން އެ ފެންޝަނުގެ މެމްބަރުން އިސްވެ ސަރުކާރުގެ ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު އެމްޑީޕީންވަނީ ފިޔަވަޅު އަޅާފައެވެ.
މިފިޔަވަޅުތަކުގެ ތެރެއިން ނަޝީދުގެ ފެކްޝަނުގައި ހިމެނޭ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް އެމްޑީޕީން ވަކިކުރިއެވެ. އެއާއެކު މަޖިލީހުގައި ހިމެނޭ ނަޝީދު ފެކްޝަނަށް ނިސްބަތްވާ އިތުރު 12 މެމްބަފރަކު އަމިއްލަފުޅަށް އެމްޑީޕީން ވަކިވެ އައު ޕާޓީއެއް އުފައްދާނެކަން ޢިއުލާންކުރިއެވެ. ވަކިވި 12 މެމްބަރުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އިވާ ޢަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންނަމަވެސް ނަޝީދު އެމްޑީޕީން އަދި ވަތްކެއް ނުވެއެވެ.