ބިޑަކާ ނުލައި އިގްތިސާދީ ބޭނުމަށް ފަޅުރަށް ދެވޭ ގަވާއިދަށް، ބޮޑެތި ފާޑުކިޔުން!

ބިޑަކާ ނުލައި އިގްތިސާދީ ބޭނުމަށް ފަޅުރަށް ދެވޭ ގަވާއިދަށް، ބޮޑެތި ފާޑުކިޔުން!

ގުޅުންހުރި

އިޤްތިސާދީ ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނެ އުސޫލުތައް ބަޔާންކޮށް، އިކޮނޮމިކް މިނިސްޓްރީން ޤަވާއިދެއް އެކުލަވާލައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފައިވާ "އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ގަވާއިދު" ގައިވާ ގޮތުން ފަޅު ރަށެއްގައި އިގްތިސާދީ މަސައްކަތެއް ކުރުމަށް އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

އެފަދަ މަސައްކަތްތަކަށް ކަނޑައަޅާ ފަޅުރަށަކީ މީހުން ދިރިއުޅޭ ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ރަށެއް ނަމަ އެ ފަޅު ރަށް އިހްތިސާސުން ވަކިކުރަންވާނެ ކަމަށް ގަވާއިދުގައިވެއެވެ.

އިންޑަސްޓްރިއަލް ބޭނުމަށް ރައީސް ކަނޑައަޅާ ރަށްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ ގޮތަކަށް:

– ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކުރުމުން އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ފަރާތަކަށް ރަށް ދޫކުރުން.
– ބިޑަކާ ނުލައި ދެވޭ ސަރުކާރުގެ "އަންސޮލިސިޓަޑް ޕްރޮޕޯސަލް ޕޮލިސީ"ގެ ދަށުން އެ ރަށެއްގައި ކުރަން ބޭނުންވާ ކަމަކާ ބެހޭ ގޮތުން ތަފްސީލީ ޕްރޮޕޯސަލެއް ހުށަހެޅުމުން، އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ރަށް ދޫކުރުން.

މިކަމަށް ފާޑު ވިދާޅުވެ އެމްއެންޕީގެ މަޖިލިސް މެމްބަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މިއީ ކަނޑައެޅިގެން ލާމަރުކަޒީ ޤާނޫނާއި ޚިލަފަށް ކުރައްވާފައިވާ ކަމެއްކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް ސަރުކާރުން ވައުދުވީ ބިޑަކާއި ނުލައި ރަށްތަކާއި ފަޅުތައް ދިނުން ހުއްޓުވުމަށް ކަމަށާއި، ނަމަވެސް މިއަދު ފެނިގެން މިދަނީ މުޅިން އެހެން މަންޒަރެއްކަމަށެވެ.

ވެރިކަމަށް އައީ މިފަދަ ކަންކަން ނުކުރާނެކަމަށް ރައްޔިތުންނަށް ވައުދުވެގެން. މިދާ ރޭޓުން މިވެރިކަމުގެ ދައުރު ނިމޭއިރު ފަޅަށް ހުރި ހުރިހާ ރަށްތަކެއް ރައްޓެހިންނަށް ބަހާ ހުސްކޮށްލާނެ. މިއީ ލާމަރުކަޒީ ގާނޫނުގެ މަގްސަދާވެސް ހިލާފްކަމެއް.

– އުޝާމް ވިދާޅުވިއެވެ.

އުޝާމްގެ އިތުރުންވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ މި ގަވާއިދަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިދިކޮޅު ޕީޕީއެމްއާއި، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެމްބަރުންގެ ފާޑުކިޔުންވެސް ވަނީ މިކަމަށް އަމާޒުވެފައެެވެ. ގިނަ ބޭފުޅުން ވިދާޅުވަމުންދަނީ ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރުމަކީ ސަރުކާރުން ވެރިކަމަށް ވަޑައިގެންނެވިއިރު ވީ ވައުދުކަމަށެވެ. ނަމަވެސް މިހާރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރާއްޖޭގެ ބައިތުލްމާލު ހުސްކޮށްލުމަށް ކުރަމުންދާ މަސައްކަތަކީ ބަލަިއ ގަނެވޭނެ ކަމެއް ނޫންކަމަށް ދަނީ ބުނަމުންނެވެ.

ބިޑަކާ ނުލައި ދޫކުރާ ރަށްރަށުގައި، ކުރަން އުޅޭ މަސައްކަތާއި ސިނާއަތަށް ބެލުމަށްފަހު އެކަށީގެންވާ އިކިއުޒިޝަން ފީއެއް ސަރުކާރަށް ނެގިދާނެއެވެ. އަދި ރަށުގެ ކުލި ކަނޑައަޅަން ޖެހޭނީ އަކަފޫޓަކަށް އަހަރަކަށް 10 ލާރިއަށް ވުރެ ދަށް ނުވާނެ ގޮތަކަށެވެ. އަދި 21 އަހަރު ދުވަހުގެ މުއްދަތަކަށް ފަޅުރަށްތައް ކުއްޔަށް ދޭއިރު، މުއްދަތު އިތުރުކުރަން އެދުމުން، 50 އަހަރަށް ވުރެ އިތުރުނުވާ ގޮތަށް މުއްދަތު އިތުރުކޮށްދެވެއެވެ.

މުއްދަތު އިތުރުކޮށްދެވޭނީ ރަށުގައި ކުރާ މަސައްކަތްތަކަށް ކުރާ އިންވެސްޓްމަންޓުގެ މަދުވެގެން %75 ފައިސާ އިންވެސްޓްކޮށް، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްގެންގޮސް، މަސައްކަތުގެ މަދުވެގެން %75 ފުރިހަމަކޮށްފައިވާ ނަމައެވެ. މިގަވާއިދާ ހިލާފަށް ކަމެއް ކޮށްފިނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރަގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި 1800 އަށްވުރެ ގިނަ ފަޅު ރަށް އޮވެއެވެ. އަދި އޭގެތެރެއިން ބައެއް ރަށްރަށް އެކި ބޭނުންތަކަށް މީހުންނަށް ދޫކޮށްފައި ހުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ