އެމްޑީޕީން ވަކިވި 12 މެންބަރުން މަޖިލީހުގެ އެ ޕާޓީގެ ދަފްތަރުން ކެނޑޭނީ ޕާޓީން ވަކިވިކަން މަޖިލީހަށް އަމިއްލަފުޅަށް އެންގެވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީއިން ވަކިވެފައިވާކަން މަޖިލީހުގެ ރިޔާސަތުން އިއުލާންކުރި ނަމަވެސް، ފިކުރެއްގެ ދިރުމަށް ނިސްބަތްވާ 12 މެމްބަރުން އެމްޑީޕީން ވަކިވިކަން މަޖިލީޙުގެ ރިޔާސަތުން އިއުލާން ނުކުރުމުން މަޖިލިސް ހޫނުވެއްޖެއެވެ.
ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާ މިއަދު ފައްޓަވައިދެއްވާ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާޒިމް އެމްޑީޕީގެ ދަފްތަރުން ވަކިކުރިކަން މަޖިލީހަށް އަންގާފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން މަޖިލީހުގެ ޕާލިމެންޓްރީ ގުރޫޕުގެ އަދަދުތަކަށް ބަދަލު އަންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި 12 މެންބަރަކު އެމްޑީޕީއިން ވަކިވިކަންވެސް އީސީއިން މަޖިލީހަށް އަންގާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީށް ނަޝީދު ވިދާޅުވީ އެ 12 މެންބަރުން އެމްޑީޕީއިން ވަކިވިކަން އެ މެމްބަރުން އަމިއްލަފުޅަށް ލިއުމުން މަޖިލީހަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ ދަފްތަރުން އެ މެންބަރުންގެ ޕާޓީ ބަދަލުވާނީ މަޖިލީހަށް އެ 12 މެންބަރުން ޕާޓީ ބަދަލުކުރިކަން އަމިއްލަފުޅަށް ލިޔުއްވުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 36 ވަނަ މާއްދާގައި މެންބަރުން މަޖިލީހުގައި ތަމްސީލު ކުރައްވާ ޕާޓީގެ ދަފްތަރުން ވަކިވާނެގޮތް ބަޔާންކޮށްފައިވާ ކަމަށާ އެގޮތުން މެންބަރުން ޕާޓީގެ ދަފްތަރުން ވަކިވާނަމަ އެކަން އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، މެންބަރަކު އެ މެންބަރަކު ނިސްބަތްވާ ޕާޓީން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި، އެ ޕާޓީއަށާއި އިލެކްޝަންސް ކޮމިޝަނަށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެކަން އެ މެންބަރަކު އަންގަންވާނެ ކަމަށެވެ.
އެމްޑީޕީން ވަކިވެފައިވަނީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)، މެންބަރު އަހްމަދު ޒާހިރު (ގައްދޫ)، މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)، މެންބަރު ހަސަން ލަތީފް، މެންބަރު އީވާ އަބްދުﷲ، މެންބަރު އިލްޔާސް ލަބީބް، މެންބަރު އިމްތިޔާޒް ފަހުމީ، މެންބަރު ޔާސިރު އަބްދުއްލަތީފް، މެންބަރު ހަސަން އަފީފް، މެންބަރު ހުސެއިން ފިރުޝާން އަދި މެންބަރު ހަސަން ޝިޔާންއެވެ.