މީހެއްގެ މައްޗަށް ހުކުމެއް ނުވަތަ ނިންމުމެއް ނިންމާނަމަ އަދުލުވެރިވާންޖެހޭނެ: ނައިބް ރައީސް

މީހެއްގެ މައްޗަށް ހުކުމެއް ނުވަތަ ނިންމުމެއް ނިންމާނަމަ އަދުލުވެރިވާންޖެހޭނެ: ނައިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
17 މެއި 2023 12:01
0

ކުށްކުރާ ގޮތްތަކާއި ބޭނުންކުރާ ވަޞީލަތްތައް ބަދަލުވެފައިވާ ކަމަށާއި، ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައިހަމަކުރަންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކުށުގެވެއްޓަށާއި، ކުށްވެރީން ކުށްކުރާ ގޮތްތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކުރައްވައި، އެއާ އެއްވަރަށް ޖިނާއީ ޢަދުލުގެ ނިޒާމްގައި ހިމެނޭ އިދާރަތައްވެސް ކުރިއަރައި އަދާހަމަވެފައި ވާންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި ވަޞީލަތްތައް ފޯރުވައިދޭން ޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޢަދުލުއިންޞާފު ޤާއިމްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް މިސަރުކާރުން ވަރަށްބޮޑަށް ސަމާލުކަމެއްދީ މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޢަދުލުއިންޞާފު ޤާއިމްކުރުމުގެ ދާއިރާގައި ރާއްޖޭގައި ހުރި ބައެއް ގޮންޖެހުންތައްވެސް ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ އާބާދީކުޑަކަމާއި އެކަކު އަނެކަކާއި ގާތް މުޖުތަމަޢަކަށް ވުމުން ނުކުންނަ މަސައްލަތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންސާނަކަށް އެންމެ ބޭނުންވާ އެއްކަމަކީ ޢަދުލު އިންޞާފް ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައި ވުމުން އެއީ މީހެއްގެ ހަމުގެ ކުލަޔަކަށް، ނިސްބަތްވާ ރަށަކަށް ނުވަތަ ޤައުމިއްޔަތަކަށް ބަލައި ތަފާތު ކުރެވޭނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި 2004 ވަނަ އަހަރު ދިވެހިރާއްޖޭގެ މުޅި ޤާނޫނު އަސާސީ އަލުން އިޞްލާޙްކޮށް އެކުލަވާލުމުގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި އޮތީ މުސްތަޤިއްލު ގޮތެއްގައި ތަޙުޤީޤުތަަކާއި ޝަރީއަތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިދައްކަނީ އަދުލު އިންސާފުގެ ވާހަކަ. އަޅުގަނޑުމެން މީހެއްގެ މައްޗަށް ހުކުމެއް ނިންމުމެއް ނިންމާކަމަށް ވަންޏާ އަދުލުވެރިކަމެއް އޭގައި އޮންނަންޖެހޭ. އަދި ވަކިން ޚާއްސަކޮށް ކަންކަން ހިންގަން ތިބޭ ފަރާތްތައް ކަމުގެ މަސްއޫލު ފަރާތްތަކުގެ މައްޗަށް އޮންނަ އެންމެބޮޑު ވާޖިބަކީ އިންސާފުން ކަންތައްތައް ކުރުން.

– ނައިބް ރައީސް ވިދާޅުވިއެވެ.

މިޖަލްސާގައި ޖިނާއީ ޢަދުލުގެ ނިޒާމްގައި ހިމެނޭ އިދާރާތަކުގެ މެދުގައި ފަސޭހަ ކަމާއިއެކު މައުލޫމާތު ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. ދެބައެއް އެކުލެވޭ މިޑާޓާބޭސްގެ ސަބަބުން އިދާރާތަކުގެ މެދުގައި ފަސޭހަކަމާއި އެކު މަޢުލޫމާތު ބަދަލުކުރެވޭއިރު، މިނިޒާމްގެ ތެރޭގައި ހިމެނޭ ތަފާސް ހިސާބު މަޢުލޫމާތުތައް ޢާއްމު ރައްޔިތުންނަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން ހުންނާނެއެވެ.

އަޅުގަނޑު ގަބޫލު ކުރާގޮތުގައި އިންސާފަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ހެޔޮވެގެން މާރަނގަޅު ބަޔަކަށް ވެގެން ދޭ ރިވޯޑެއްގެ ގޮތުގައި އޮންނަން ޖެހޭ އެއްޗެއްނޫން. އެއީ ކޮންމެ މީހަކަށްވެސް ހައްގުވާ އެއްޗެއް. އަޅުގަނޑުމެން އެއްވެސް މީހެއްގެ ހިތުތެރޭގައި ހިތްހަމަ ނުޖެހުމެއް ނުތަނަވަސްކަމެއް އޮންނަ އޮތުމަކީވެސް އެމީހަކަށް އިންސާފު، އަދި އަދުލުވެރިކޮށް ކަންކަން ނުގެންދަންޖެހޭނެ ކަމަކަށް ވެގެން ނުވާނެ.

– ނައިބް ރައީސް ވިދާޅުވިއެވެ.

"އެވިޑެންސް ބޭސްޑް މެނޭޖްމެންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓަރ"ގެ ނަމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި، ޔުނިސެފާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ފަންނީ އެހީތެރިކަމާއި އެކު ހިންގި ޕްރޮޖެކްޓްގެ ދަށުން އިފްތިތާޙް ކުރެވުނު، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އުފެއްދުމުގެ މަސައްކަތުގައި އިސްނަގައި މަސައްކަތްކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.