ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މަނަދޫއަށް ވަޑައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ނ. އަތޮޅަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ނ. އަތޮޅު މަނަދޫއަށް ވަޑައިގެން، އެރަށު ކައުންސިލާއި އެރަށުގެ ކަމުވޮށިގެންވާ ބައެއް ފަރާތްތަކާ ބައްދަލުކުރެއްވުމުގެ އިތުރުން އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުންނާއި އާންމު މުވައްޒަފުންނާ ބައްދަލުުރައްވާފައެވެ. އަދި ނ. މަނަދޫ / އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލަައިގެ ތަހުގީގު ކުރިއަށްދާ ގޮތް ކައިރިން ބައްލަވާލައްވާފައިވެއެވެ.
މިދަތުރުގައި ސީޕީ ވަނީ ނައީމާ މޫސާގެ އާއިލާއާ ބައްދަލުކުރައްވައި، ތަހުގީގާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ. މީގެއިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ނ. މަނަދޫގައި އަލަށް އިމާރާތްކުރަމުންދާ ފުލުހުންގެ އައު ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ކުރަމުންދާ ސައިޓަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.
ނައީމާ އަކީ މުޅިން ވަކިން ވަކި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެކެވެ. އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެއެވެ.
ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ.