ހުޅުމާލޭގެ މަގުތައް އަމާންކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ހުޅުމާލޭގެ މަގުތައް އަމާންކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

Author
އަޒްފާ ރަޝީދު
16 މެއި 2023 05:27
0

ހުޅުމާލޭގެ މަގުތަށް އަމާން ކުރުމަށް، ބޮޑެތި މަގުތަކުގައި ޑިވައިޑަރު ޖަހައި މަގު ހުރަސްކުރާ މީހުންނަަށްވެސް ޓްރެފިކް ލައިޓްތަކެއް ހަރުކުރުމަށް އާރބަންކޯއިން ނިންމައިފިއެވެ.

އާބަންކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ މަގުތަކުގައި އެކްސިޑެންޓް މަދު ކުރުމަށް ފުލުހުންނާއި ގުޅިގެން ހާއްސަ ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށެވެ.

މިގޮތުން މަގުތުކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ބޮޑެތި މަގުތަކުގައި ޑިވައިޑަރު ހަރުކުރުމަށް ނިންމާފައިވެއެވެ. މިއީ ޔޫޓާން ނަގާ ފަރާތްތަކަށް ޤަވާއިދާއި އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުމުގެ ގޮތުން ހަރުކުރެވޭ ޑިވައިޑަރުތަކެއްކަމަށް އާރބަންކޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން ފައިމަގުގައި އުޅޭ މީހުން އިތުރު ކުރުމަށްވެސް މަސައްކަތެކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖުމްލަ 8 ސަރަހައްދެއްގައި ޕެޑެސްޓްރިއަން ކްރޮސިންގް ލައިޓް ނުވަތަ މަގު ހުރަސް ކުރުމަށް ބޭނުން ކުރާ ޓްރެފިކް ލައިޓް ޖެހުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު މި ލައިޓް ދެ ސަރަހައްދެއްގައި ޓެސްޓް ކުރެވެމުންދާ ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެ އިތުރަށްވެސް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުންނާއި އެކު މަޝްވަރާ ކުރެވި، ބައެއް މަގުތަކުގެ ޓްރެފިކް ފްލޯ ބަދަލު ކުރާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި ހުޅުމާލެ އަންނަ ފަރާތްތަކަށް ވިހާވެސް ބޮޑަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވެ ކާރުބާރު ބޮޑުވުމާއިއެކު އެކްސިޑެންޓްތައް ވަނީ އިތުރުވެފައެވެ. ދާދި ފަހުންވެސް ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ ވަނީ މަރުވެފައެވެ. މިއާއެކު ހުޅުމާލޭގެ ޓްރެފިކް ހުރި ގޮތާއި މެދު އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.