ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރަންޖެހެނީ ރައީސް ޞާލިހު: ނަޝީދު

ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރަންޖެހެނީ ރައީސް ޞާލިހު: ނަޝީދު

ގުޅުންހުރި

އެމްޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފަށް ޢަމަލުކޮށްފައިވާތީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ފިޔަވަޅު އަޅައި ވަކި ކުރަންވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއިއެކު އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނާއިމެދު ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް ޕާޓީން ވަކި ކުރުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އަދި އިތުރު މެމްބަރުންނާއިމެދު ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީން ދަނީ ކުރަމުންނެވެ. މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހަށް ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ މީހުން ކަނޑައެޅުމަށް ބޭއްވުނު ޕްރައިމަރީގައި ސީދާ ރައީސް ޞާލިހު އަންގަވައިގެން ޕާޓީގެ ދާއިރާގެ ރައީސުން ނިކުމެ އެމްޑީޕީ މީހުން ކަޓުވާލައި އެހެން މީހުންނަށް ޓިކެޓް ހޯދުމަށް މަސައްކަތްކުރި މީހުންނާއިމެދު ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

މިމަސައްކަތް ކުރީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަންގަވަިއގެން ކަމަށްވުމުން ރައީސް ޞާލިހާއިމެދު ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރަންޖެހޭކަމަށް ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓުގައި ވިދާޅުވިއެވެ.

2019 ގައި ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނިކުމެ އެމްޑީޕީ ކެނޑިޑޭޓުން ކަޓުވާލައި އެހެން މީސް މީހުން ހޮވި މައްސަލަ ނުބަލައި ފިޔަވަޅު އަޅާ ކޮމެޓީން މިހާރު އެބަލާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއްނޫން. ޕާޓީން ވަކި ކުރަންޖެހެނީ ރައީސް ޞާލިހު.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވާ ގޮތުގައި މެންބަރުންނަށް ފިޔަވަޅު އަޅަން ކޮމެޓީ ބާއްވަމުން ދަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ވެސް އެނގިވަޑައިނުގެން "ވަގަށެވެ." ޝިފާޒަކީ ފިޔަވަޅު އަޅާ ކޮމެޓީގެ މުގައްރިރެވެ. ނަމަވެސް އެކޮމެޓީ ބާއްވާކަން ވެސް، ކޮމެޓީއަށް މައްސަލައެއް ހުށަހެޅުނު ކަން ވެސް ޝިފާޒަށް އަންގާފައި ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލްތ ތަފާތުވުންތަކުގައި ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ހަރަކާތެއް އެމްޑީޕީގެ ތެރޭގައި ހިންގަމުންނެވެ. ފިކުރެއްގެ ދިރުމުގެ ހަރަކާތުގެ މެމްބަރުން ދަނީ އެމްޑީޕީގެ ސިޔާސަތާއި ޚިލާފަށް ހިންގާ ގިނަ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ