ރައްޖޭގައި އެންމެ ފުރަތަމަ ތައާރަފްކުރިން ސްމާޓް ޕާކިން ޒޯން އާބަން ކޯއިން ގާއިމުކޮށްފިއެވެ.
އާބަންކޯއިން ބުނެފައިވަނީ، މިއީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ސްމާޓް ސިޓީއެއް ހޯދައި ދިނުމުގެ އަޒުމުގައި، އެކުންފުނީގެ ސްމާޓްކޮމް ބްރޭންޑުގެ ދަށުން ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އަމަލީ މަސައްކަތުގެ ފެށުން ކަމުގައެވެ.
މި ޕާކިން ޒޯން ގާއިމް ކޮށްފައިވަނީ، ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯންގައެވެ. އާބަންކޯއިން ބުނެފައިވަނީ ވަރަށް އަވަހަށް މި ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިވާކަމުގައެވެ.
އާބަންކޯއިން އިތުރަށް ބުނެފައިވަނީ ހަލުވި ދުވެލީގައި އިތުރުވަމުންދާ އާބާދީއާ އެއްވަރަށް އެއްގަމު އުޅަނދުތައް އިތުރުވަމުންދާ ހުޅުމާލޭގައި ޕާކު ކުރުން ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާކަމުގައެވެ. އަދި ގިނަފަހަރަށް މަގުގެ ދެފަރާތުގައި ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގުތަކުން ބޮޑު ބައެއް ގެއްލި މަގުތަކުގައި ދުއްވުމަށާއި އަދި ހިނގާ މީހުންނަށްވެސް މިކަމުން ވަރަށް ބޮޑުދަތިތަކެއް ކުރިމަތިވަމުންދާ ކަމުގައެވެ.
ހަމައެއާއެކު ހަތަރު ފުރޮޅުލީ އުޅަނދެއް ޕާކު ކުރުމަކީވެސް ދުވަހުގެ ބިޒީ ޝެޑިއުލްއިން އެތައް ވަގުތެއް ގެއްލި ދާންޖެހޭ ތަންތަނަށް ގަޑި ޖެހުމަށް ދިމާވާ ވަރަށްބޮޑު ސަބަބެއްކަންވެސް އާބަންކޯއިން ފާހަގަ ކޮށްފައި ވެއެވެ. އެހެންނަމަވެސް، ޖާގައިގެ ދަތިކަމަށް ނުކަތާވަރަށް އެއްގަމު އުޅަނދުފަހަރު އިތުރުވި ނަމަވެސް، ޕާކު ކުރުމުގެ ދަތިކަން ފަދަ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުޑަކުރެވިދާނެ ކަމަށްވެސް އާބަންކޮއިން ބުނެފައި ވެއެވެ.
ސްމާޓް ޕާކިންގެ ހާއްސަ ސިފަތައް:
އެއްމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްޕާޓް ޕާކިންގައި ހާއްސަ ސިފަތަކެއް އެކުލެވިގެން ވެއެވެ.
މިގޮތުން، ޕާކިންޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަރ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެއެވެ. މިގޮތަށް ހުށިޔާރުކަމާ އެކީގައި އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެއްމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)، އަދި މެޝިން ލާރނިންގ (އެމް.އެލް) ބޭނުންކުރެއެވެ. މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެއެވެ.
މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީ.ސީ.ޓީ.ވީ ކެމެރާ މެދުވެރިކޮށް މޮނިޓަރ ކުރެވޭނެއެވެ.
ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިންގ ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެއެވެ.
އަދި ކުރުމުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ވަނީ ތައްޔާރު ކުރެވިފައެވެ. މި އެޕްލިކޭޝަންގެ ސަބަބުން ކުރުމުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެއެވެ. އޭގެ އިތުރުން ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓު ކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެއެވެ.
ހުޅުމާލޭގެ ފިތުރޯނު ޕާކިންގ ޒޯނަކީ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިންގ ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެން ދާނެކަމަށް އާބަންކޯއިން ބުނެއެވެ.