އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސަ މިމަހު 26ގައި، އާޓިފިޝަލް ބީޗު ސަރަހައްދުގައި

އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސަ މިމަހު 26ގައި، އާޓިފިޝަލް ބީޗު ސަރަހައްދުގައި

މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެރޭގެ 8:30ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަށް އެމްއެންޕީންވަނީ އެޕާޓީގެ އެންމެހާ މެމްބަރުންނަށާއި އަދި އެޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށްވެސް ދައުވަތު އަރުވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކި ރައްތަކުންވެސް އެމްއެންޕީގެ މެމްބަރުން މި ޖަލްސާއަށް މާލެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ ކަމުގައިވާ އެމްއެންޕީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ އެޕާޓީގެ ރައީސް ކާނަލް ނާޒިމްއެވެ.

އެމްއެންޕީއަކީ ރާއްޖޭގައި އޮތް އެންމެ ހަނގު ޕާޓީކަމަށްވި ނަމަވެސް އެޕާޓީންވަނީ ކުރު މުއްދަތެއްގައި ބޮޑު ކުރިއެރުންތަކެއް ހާސިލް ކޮށްފައެވެ. އެގޮތުން އެޕާޓީންވަނީ ކުރު މުއްދަތެއްގެ ތެރޭގައި ޕާޓީއަށް 10،000 މެމްބަރުން ހަމަކޮށްފައެވެ.

އޭގެ އިތުރުން އެމްއެންޕީވަނީ ރައްޔިތުންގެ މަޖިލުގެ 2 ބައި އިލެކްޝަނެއްގައި ވާދަކޮށްފައެވެ. އަދި އަންހެނުންގެ ކޮމިޓީތަކުގެ ބައެއް އިންތިޚާބުތަކާއި ބައެއް ކައުންސިލް އިންތިޚާބުތައް އެޕާޓީން ކާމިޔާބު ކޮށްފައިވެއެވެ.

އެމްއެންޕީން ހިމެނިގެންދާނީ ރަސްމީކޮށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ހަވާލުކުރާ 3 ވަނަ ޕާޓީ ކަމުގައެވެ. މިހާތަނަށް ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްއާއި ވެރިކަންކުރާ އެމްޑީޕީއިންނެވެ. އެހެންނަމަވެސް އިދިކޮޅު ޕީޕިއެމްއިން ޓިކެޓް ހަވާލު ކޮށްފައިވާ އެޕާޓީގެ ރައީސް ޔާމިން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދިއުމާއި ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމުގެ މާބޮޑު އުއްމީދެއް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *