މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ވެސް ވަނީ ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެއެވެ.
ސެންޓޭ ފާހަގަވާން ފެށީ ފުރަތަމަ ޑިވިޝަނުގައި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) ގައި 2007 ވަނަ އަހަރު ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ކްލަބް ވެލެންސިއާ އަށް ކުޅެފައެވެ. އޭގެ ކުރިން އޭނާ ވަނީ 2006 ވަނައަހަރު އީގަލްސްއަށް ކުޅެފައެވެ. ވެލެންސިއާގައި އެއް ސީޒަން ހޭދަކުރުމަށް ފަހު ސެންޓޭ ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އަދި ޖެހިގެން އައި ސީޒަނުގައި ވިކްޓްރީއާ ގުޅުނެވެ.
އަލުން ދެ ވަނަ ފަހަރަށް 2013 ވަނަ އަހަރު ނިއުއާ ގުޅި 2015 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކުޅުނެވެ. އެ ހަތަރު އަހަރުގެ ތެރޭ ސެންޓޭ ނިއުއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދިއެވެ. އެގޮތުން 2013 ވަނަ އަހަރުގެ ސީޒަނުގައި ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތަށްޓެއް ނަގައި އަދި 2015 ވަނަ އަހަރު ނިއު އަށް ގައުމީ ތަށި މިލްކުކޮށްދޭން ފައިނަލުގައި ލަނޑު ޖެހި އެވެ.
ނިއު ދޫކޮށް 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނުއިރު ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހާސިލްކުރި އެވެ. އަދި ޖެހިގެން އައި ސީޒަނުގައި ފަހު ތިން ވަނަ ފަހަރަށް ނިއު އަށް ބަދަލުވެ 2017 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހާސިލްކުރި އެވެ. މިދިޔަ ސީޒަނުގައި އީގަލްސްއާ ގުޅި އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދިނުމުގައި ސެންޓޭގެ ދައުރު ބޮޑެވެ.
ކުރިއަށް އޮތް ސީޒަނުގައި ކްލަބް ވެލެންސިއާ އިން ފެންނާނެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު މިދިޔަ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ވެލެންސިއާ އަށް ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި ނަސޫހު ރަޝީދު (ޕިލާ) އާއި މިިދިޔަ ސީޒަނުގައި މާޒިޔާ އާއި ޓީސީން ފެނުނު މުހައްމަދު ސާމިރުގެ އިތުރުން ގްރީން ސްޓްރީޓްސްގެ އަލީ ސަމްދޫހު މުހައްމަދު އަދި ދަ ގްރާންޑޭ އަށް ކުޅެފައިވާ އަހުމަދު އިމާޒް (އާއްކޮ) ހިމެނެ އެވެ.
ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި ހޯދާ ފުރަތަމަ ޑިވިޝަނަށް މި ސީޒަނުގައި ޕްރޮމޯޓްވި ވެލެންސިއާ ވަނީ ވަރުގަދަ ޓީމެއް އެކުލަވާލައިފަ އެވެ. މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައިއެވެ. އެޓީމުން ވަނީ ރޭގައި އަލީ އަޝްފާގު (ދަނގަޑޭ) އެކު އެއްއަހަރު ދުވަހުގެ އެއްބަސްވުމެއް ހަދައިފައެވެ. މިއީ ދަގަނޑޭ އާއި ސެންޓޭ އެކުގައި ނިއު ރޭޑިއަންޓް ނޫން ޓީމެއްގައި އެކުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދަގަނޑޭ އާއި ސެންޓޭ ވަނީ 2013، 2017، 2018 ވަނަ އަހަރު ނިއު އަށް ކުޅެފަ އެވެ.
އާ ސީޒަނުގައި ވެލެންސިއާ އިން ކުޅޭ ފުރަތަމަ މެޗުގައި ދެހަފްތާ ފަހުން ބައްދަލުކުރާނީ ކްލަބް ގްރީންސްޓްރީޓްސްއާ އެވެ.